
ޝައިހު ފަރީދު ކުއްލި ގޮތަކަށް އަވަހާރަ ވެއްޖެ
ޝައިޚު ޢިބްރާހީމް ފަރީދު ކުއްލި ގޮތަކަށް އަވަހާރަ ވެއްޖެއެވެ. ޝައިޚު ފަރީދު އަވަހާރަވީ މެލޭޝިޔާ އެއަޕޯރޓްގައެވެ.
އިތުރު ދެމީހަކާއެކު ފަރީދު ހިލޭސާބަހަށް މަސައްކަތްކުރައްވާ ޖަމްއިއްޔާއެއްގެ ދަތުރެއްގައި ރާއްޖެއިން ބޭރުގައި އުޅުއްވަނިކޮށް, އަވަހާރަވީ ފްލައިޓުން ފައިބައިގެން މެލޭޝިޔާގެ އިމިގްރޭޝަން ކައުންޓަރާ ހަމައަށް ދަނިކޮށް ކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ދިނެވެ. ފްލައިޓްގައި ކޮންމެވެސް ކަހަލަ އުނދަގޫތަކެއް ވާތީ އުޅުނު ކަމަށާއި, އެކަމަކު ފްލައިޓުން ފޭބިރު ރަނގަޅު ކަމަށް ކައިރީގައި ތިބި މީހުންނާ ހަވާލާދީ އާއިލާއިން ބުންޏެވެ.
ޝައިޚު ފަރީދަކީ ވަރަށް ފުޅާ ދާއިރާއެއްގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަމިއްލަ އުމްރާ ގްރޫޕް 'ޠައިބާ ހައްޖު އެންޑް ޢުމްރާ ގްރޫޕް' ގައި އުމްރާއަށް މީހުން ގެންދަވައެވެ. އަދި ޚިދުމަތް ޖަމްއިއްޔާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވައެވެ.
ޝައިޚު ފަރީދު އަބަދުވެސް ތަކުރާރުކޮށް ހަނދާންކޮށްދެއްވާ އެއް ވާހަކައަކީ ދަތުރަކަށް ފަށާނަމަ ދަތުރު ދުޢާ ކިޔުމުގެ މުހިއްމުކަމެވެ. ޝައިޚު ނިޔާވީ ދަތުރެއްގެ މަތީގައި ވަނިކޮށެވެ.
ރާއްޖޭގައި ދީނީ ޢިލްމު ފެތުރުމުގައި ފާއިތުވި ވިއްސަކަށް އަހަރު އެންމެ ފާހަގަކޮށްލެވޭ ޝެއިޚް ފަރީދަކީ ފަކަށް އައިސް އިސްލާމީ ބައެއް ގައުމުތަކުގައި ހާލުގައި ދިރިއުޅޭ މުސްލިމުންނަށް އެކިއެކި އެހީތެރިކަން ފޯރުކޮށްދެއްވުމުގައި ވަރަށް އިސްސަފުގައި މަސައްކަތް ކުރެއްވި އިލްމުވެރިއެކެވެ.
ރިއެކްޝަންސް






