
މުޅި މާލެއިން ކަރަންޓް ކެނޑުމުން އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ރައީސް އަންގަވައިފި
ފުލުހުން ވަނީ މައްސަލަ ތަހުގީގު ކުރަން ފަށާފަ
މުޅި މާލެއިން ކަރަންޓް ކެނޑުމުން އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ރައީސުލްޖުމްހޫރިއްޔ ޑރ.މުޙައްމަދު މުއިއްޒު އަންގަވައިފިއެވެ.
މުޅި މާލެއާ ހުޅުމާލެއިން ކަރަންޓް ކެނޑުނުތާ ގަޑިއެއްހާއިރުގެ ތެރޭގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފިން ކަމަށެވެ.
" އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން." ރައީސް ވިދާޅުވިއެވެ.
އޭގެފަހުން ފުލުހުން ވަނީ މުޅި މާލެއިން ކަރަންޓް ކެނޑުނު މައްސަލަ އެއިދާރާއިން ތަހުގީގު ކުރަން ފެށިކަން އިއުލާނުކޮށްފައެވެ.
މުޅިމާލެއިން ކަރަންޓް ކެނޑުނު މައްސަލަ ދެނެގަނެ, އަވަހަށް ޚީދުމަތްދޭން ޖެހޭ ތަންތަނަށް ޚިދުމަތްދޭން ސްޓެލްކޯއިން ފެށީ 1:44 ހާއިރުވެވެ. ފުރަތަމަ ކަރަންޓް ދިނީ އައިޖީއެމްއެޗް އަށެވެ.
ކަރަންޓް ކެނޑުމުން މާލެ ސަރަހައްދުގެ ސްކޫލްތައްވެސް ވަނީ ބަންދުކޮށްފައެވެ.
"ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ވަނީ ކަރަންޓު ދެވިފައި. މީގެ އިތުރުން މާލެ އާއި ހުޅުމާލޭގެ އެހެން ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން." ސްޓެލްކޯއިން ވިދާޅުވިއެވެ.
ރިއެކްޝަންސް






