ޣައްޒާގެ ޑޮކްޓަރެއްގެ ނުވަ ދަރިން އެއް ހަމަލާއެއްގައި އިޒްރާއިލްއިން ޝަހީދުކޮށްލައިފި
ޣައްޒާގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަލާ އަލް ނަޖަރް, ކަފުންކޮށްފައިވާ އޭނާގެ ދަރިންގެ ހަށިތަކުގައި ބައްދާލައިގެން

ޣައްޒާގެ ޑޮކްޓަރެއްގެ ނުވަ ދަރިން އެއް ހަމަލާއެއްގައި އިޒްރާއިލްއިން ޝަހީދުކޮށްލައިފި

ހަތް މަހާއި ދެ އަަހަރުގެ ތުއްތު ދެ ދަރިންގެ ފުރާނަނެތް ހަށިގަނޑު އަދިވެސްވަނީ ގާތަކުތެ ތެރޭގައި ތާށިވެފައި

3 hours ago - 09:51
May 25, 2025 - 09:59

ޣައްޒާގެ ހާން ޔޫނިސްއަށް އިޒްރާއިލްއިން ހުކުރު ދިން ވަރުގަދަ ހަމަލާތަކުގައި އެއް އާއިލާ އެއްކޮށްހެން ދުނިޔެއިން ފޮހެލައިފިއެވެ. ހަމަލާގައި ޣައްޒާގެ ކުޑަކުދިންގެ ޑޮކްޓަރ އަލާ އަލް-ނަޖަރް ގެ 9 ކުދިން ވަނީ ޝަހީދުވެފައެވެ. އެންމެ ތުުއްތު އުމުރުން އެންމެ ހަތް މަހުގެ އަދި ދެއަހަރުގެ ދަރިފުޅުގެ ހަށިގަނޑު އަދިވެސް ވަނީ ގާތަކުގެ ތެރޭގައި ތާށިވެފައި ކަމުގައި މަދަނީ ދިފާއުން ވަނީ ބުނެފައެވެ.

ދިރިއުޅެމުންދިޔަ ގެއަށް ހަމަލާ އަމާޒުވިއިރުވެސް އަލާ ހުރީ އަލް ނަސެރް ހޮސްޕިޓަލްއަށް ގެނެވިފައިތިބި އެތައް ކުދިންނަށް ފަރުވާދިނުމުގައި ހޮސްޕިޓަލްގައެވެ. ބޮމުގެ ވަރުގަދަ ހަމަލާއާ އެކު މުޅި ސަރަހައްދުގައި އަލިފާންރޯވި ކަމަށް މަންޒަރުދުށް މީހުންނާ ހަވާލާދީ އަލްޖަޒީރާއިން ވަނީ ބުނެފައެވެ.

އަލް ނަސެރް ހޮސްޕިޓަލްގެ ކުޑަކުދިންގެ ޑިޕާޓްމަންޓެގެ ވެރިޔާ އަޙްމަދު އަލް ފައްރާ ވަނީ އަލާ އަލް-ނަޖަރް ގެ 10 ކުދިންގެ ތެރެއިން 9 ކުދިން އެހަމަލާގައި ޝަހީދުވިކަން ކަށަވަރުކޮށްދީފައެވެ. ހަމަލާގައި އަލާގެ ފިރިމީހާ, އަދި ސަލާމަތްވި ހަމައެކަނި ދަރިފުޅުވެސް ދަނީ ވަރަށްބޮޑަށް ޒަހަމްވެ, މަރާ ހަނގުރާމަކުރަމުންނެވެ. މެއާ ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބި, ބޮލުގެ ނާށިގަނޑު ފަޅައިގެންގޮސްފައިވާ އަލާގެ ފިރިމީހާއަށް ފަރުވާދެމުން އަންނަނީ އެ ހޮސްޕިޓަލްގެ އިންޓެންސިވް ކެއަރ ޔުނިޓްގައެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާއިންވެސް ވަނީ އަލާގެ ތުއްތު ދެކުދިން ގާތަކުގެ ތެރޭގައި ތާށިވެފައިވާކަން ކަށަވަރުކޮށްދީފައެވެ. މަދަނީ ދިފާއުން ތުއްތު ދެކުދިންގެ ހަށިގަނޑު ފެނޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ. ހަމަލާގައި ޝަހީދުވި ކުދިންނަކީ ސިދްރާ, ލުޤްމާން, ސާދިން, ރޭވަލް, ރުލްސަން, ޖުބްރާން, އީވް, ރަކަން އަދި ޔަޙްޔާއެވެ. 

Advertisement
Advertisement

ހަމަލާގައި ސަލާމަތްވި އެ ދެމަފިރިންގެ ހަމައެކި ދަރިފުޅަކީ 11 އަހަރުގެ އާދަމްއެވެ. އެ ދަރިފުޅަށްވެސް ދަނީ ސީރިއަސް ޒަހަމްތަކަކާއެކު ފަރުވާ ދެމުންނެވެ. 

"ކަލޭމެންނަށް އިޙްސާސްވެސް ނުވާނެ އަލާ އަށް އެވަގުތު އެ ލިބުނު ޝޮކް އަދި އޭނާ އަށް ކުރާނެ އަސަރު. އޭނާ މިތާގައި އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރަން މަސައްކަތް ކުރަނިކޮށް އެލިބުނު ހަބަރަކީ އޭނާގެ މުޅި އާއިލާ ނައްތާލި ހަބަރު. މިހެން ބުންޏަސް ކަލޭމެންނަކަށް އިޙްސާސެއް ނުވާނެ" ފައްރާ ބުންޏެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow