
ކުޅިވަރުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
ކުޅިވަރުގެ ޤައުމީ ފަންޑެއް ޤާއިމް ކުރާނެ
ކުޅިވަރުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި އެވެ. ކުޅިވަރުގެ ޤާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރެއްވީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސް ބޭފުޅުންނާއެކު, ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ އެބިލް ތަސްދީޤު ކުރެއްވުމަށް ޚާއްޞަ ރަސްމިއްޔާތެއް ބޭއްވީ ބިލްގެ މުހިއްމު ކަމާއި, ބިލްގެ ސަބަބުން ލިބޭނެ ފައިދާތަކުގެ ސަބަބުން ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމަކާވެސް އެކު ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބިލްގެ ސަބަބުން ލާމަރުކަޒީ ނިޒާމްގެ ތެރެއިން ކުޅިވަރު ހަރަކާތްތައް ހިންގުން ކަށަވަރުކުރެވިގެންދާނެ ކަމަށެވެ. އެކި ކުޅިވަރުތަކުން ސަރަހައްދީ ޖަމްއިއްޔާ, އެސޯސިއޭޝަންތައް އުފެދި, ހަރަކަތާތްތެރިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
" އޭގެ ނަތީޖާއަކަށް ވާނީ އަތޮޅުގެ ލެވެލްގައި އެންމެ ގިނަ ކުޅުންތެރިންނަށް ފުރުޞަތުދެވި, އެންމެ މޮޅު ޓެލެންޓްތައް ދެނެގަނެވި, ޓްރެއިން ކޮށްދެއްވި, ފުރުޞަތުތައް ދެވި, އެހުރިހާދިމާލަކުން ކުޅުންތެރިން ހޯދިގެން އައިސް ރާއްޖެއަށް އެންމެ ރީތި ނަން ހޯދައިދިނުމަށް ކުޅިވަރުގެ ދާއިރާއިން ބައިނަލްއަޤްވާމީ އެކި މުބާރާތްތަކުގައި ރަންވަނަތައް މިހާރަށްވުރެ ގިނައިން ހޯދުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުޅިވަރުގެ ދާއިރާ ތަރައްޤީ ކުރުމުގެ ފުރުޞަތު ލިބިގެންދާނެ." ރައީސް ވިދާޅުވިއެވެ.
އިސްލާހުތަކާއެކު ކޮންމެ ކުޅިވަރެއްގެވެސް ސަރަޙައްދީ އެސޯސިއޭޝަންތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އުފައްދަން ޖެހޭނެއެވެ. އަދި ކޮންމެ ކުޅިވަރެއްގެވެސް ސަރަޙައްދީ މުބާރާތްތައް ބާއްވަން ފެށޭނެއެވެ.
ދިވެހިރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީއަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެއް ގިންތިއެއްގައި ހިންގާނެ ޤާނޫނީ ބާރުވެރިކަން ފުރިހަމައަށް ލިބިފައިވާ ކުޅިވަރުގެ އިދާރާއެއްގޮތުގައި ހަމަޖެއްސުމާއި, މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީގެ ދަށުން، ހިނގާ ޚާއްޞަ ޑިވިޝަންތައް ކުޅިވަރު އެސޯސިއޭޝަންތަކުގައި އުފެއްދުންވެސް ޤާނޫނުން ލާޒިމް ކުރެއެވެ.
ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރު ކޮށްދޭ، "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" ވަކި މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި ހިނގަން ފެށުމަކީވެސް ޤާނޫނޫން އަންނަނާނެ ބަދަލެވެ.
ޤާނޫނުގެ ދަށުންސްޕޯޓްސް އާބިޓްރޭޝަން ނިޒާމު ރާއްޖޭގައި ޤާއިމުކޮށް ޢަމަލުކުރަން ފެށުމަށްވެސް ކަނޑައަޅާ ކުޅުންތެރީންގެ ހައްގުތައް ރައްކާތެރިކޮށްދީ އިންސާފު ލިބޭނެ ގާނޫނީ ހައިސިއްޔަތު، ދިނުމަށް ފުރުޞަތު ފަހިކޮށްދޭނެއެވެ.
މި ބިލަކީ، މިމަހުގެ ފަސްވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
ރިއެކްޝަންސް






