
ރާއްޖޭގައި ވުނަކުރައްވާނޭކަމުގެ ޔަޤީންކަން!
ކުރިއަށްއޮތް ދުވަސްތަކުގައިވެސް، ރާއްޖޭގައި ވުނަކުރައްވާނޭކަމުގެ ޔަޤީންކަން ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ އުމް އަލް ޤުވައިންގެ ޑެޕިއުޓީ ރޫލަރ ޝައިޚް ޢަބްދުﷲ ބިން ރާޝިދު ދެއްވައިފިއެވެ. އެމަނިކުފާނު މިޔަގީންކަން ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައެވެ.
ރާއްޖޭގައި ފުޑް ސެކިއުރިޓީ އިތުރުކުރުމާއި، ފޮސިލް ފިއުލްއަށް ބަރޯސާވުން ކުޑަކުރުމާއި، ދަނޑުވެރިކަން ކުރިއަރުވައި، ދިގުމުއްދަތުގައި ހަމަޖެހުމާއި ތަރައްޤީ ކަށަވަރުކުރުމަށް ބޭނުންވާ ބިނާރު ތަރައްޤީކުރުމުގެ މަސައްކަތްތަކުގައި އެއްބާރުލުންދެއްވާނޭކަމުގެ ޔަގީންކަންވެސް ޝައިޚް ޢަބްދުﷲ ބިން ރާޝިދު ދެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައިވެސް އެހީތެރިވެދެއްވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
ބައްދަލުވުން ނިންމަވާލެއްވީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދެ ފަރާތުން އެކުގައި މަސައްކަތްކޮށް އެއްބާރުލުންދިނުން އިތުރުކުރުމުގެ ޢަޒުމުގައި ތިއްބެވިކަން ހާމަކުރައްވަމުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ދެ ބޭފުޅުން ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރާ ގުޅޭގޮތުން ވެވުނު އެއްބަސްވުމަށްޓަކައި ޝުކުރު ދަންނަވާފައެވެ. ދެ ފަރާތުގެ މަސްލަޙަތު ހިމެނޭ ދާއިރާތަކުން އެކުގައި މަސައްކަތްކުރެއްވުމުގެ ޝައުޤުވެރިކަން ރައީސުލްޖުމްހޫރިއްޔާ ފާޅުކުރެއްވިއެވެ.
އެމް.ބީ.އެސް. އިންވެސްޓްމަންޓްސް ގެ ޗެއަރމަން، މަރްވާން އަލްހާޖިރީ، ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މިޒިޔާރަތުގައި ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ކުރިއަށްގެންދަވާ މުހިންމު މަސައްކަތެއް ކަމުގައިވާ، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމް.އައި.އެފް.ސީ) ގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
ރިއެކްޝަންސް






