
ރައީސް އެގެންދަވަނީ ދުންފަތުގެ ވަބާއިން ޖީލުތައް ސަލާމަތް ކުރެވޭނެ އެންމެހައި މަގުތައް ކޮށްޓަވަމުން: ކުޑަހުވަދޫ ދާއިރާގެ މެންބަރު
މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެގެންދަވަނީ މިރާއްޖޭގެ ކުރިމަގުގެ ޖީލު ދުންފަތުގެ ވަބާއިން ސަލާމަތް ކުރެވޭނެ އެންމެހައި މަގުތަކެއް ކޮށްޓަވަމުން ކަމަށް ކުޑަހުވަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޙުސައިން ހަމީދު ވިދާޅުވެއްޖެއެވެ.
މެންބަރު މިހެން ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
މެންބަރު ވިދާޅުވީ ވޭތުވެދިޔަ މާޒީގައި ފެނިފައި އޮތީ ފަސޭހަކަންތައް ކޮށްލާފަ ވެރިން ވެރިކަންކޮށްފަ ފައިބައިގެން ދިޔަ މަންޒަރު ކަމަށާއި އުނދަގުލުން ކުރެވޭ ކަމެއް ކުރުމަކީ އެއްއިރެއްގައިވެސް ގިނަ ބަޔަކު ތާޢީދު ކުރާ ކަމެއް ނޫން ކަމަށެވެ.
އެހެން ނަމަވެސް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުން އެގެންދަވާ ފިޔަވަޅަކީ ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް ފަސޭހަ ފިޔަވަޅުތަކެއް ނޫން ކަމަށް ކުޑަހުވަދޫ ދާއިރާގެ ޕީ.އެން.ސީގެ މަޖިލިސް މެންބަރު ވިދާޅުވިއެވެ.
"ދުންފަތުން ލިބޭ ޓެކްސް އިންތިހާއަށް ކުޑަވެގެންދާކަން، ނޫނީ އާމްދަނީ އިންތިހާއަށް ދަށްވެގެންދާކަން މިއަދު އަޅުގަނޑުމެން އެންމެންނަށް އެބަ އެނގޭ" ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެގެންދަވަނީ މިރާއްޖޭގެ ޖީލު ދުންފަތުގެ ވަބާއިން ސަލާމަތް ކުރުމަށް ކުރެވޭނެ އެންމެހައި މަގުތައް ކޮށްޓަވަމުން ކަމަށާއި އެމަނިކުފާނު އެގެންދަވަނީ އެކަމަށްޓަކައި ފަހަރަކު ފިޔަވަޅެއް އަޅުއްވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ކުޑަހުވަދޫ ދާއިރާގެ މެންބަރު ވިދާޅުވީ ދުންފަތުގެ ނުރައްކަލާ ބެހޭ ގޮތުން ހަމައެކަނި އާންމުން ހޭލުންތެރި ކުރުމަށް މަސައްކަތް ކޮށްގެން އެކަމުގެ ނަތިޖާ ފެންނަމުން ނުދާކަން މާޒީއަށް ބަލާއިލުމުން އެނގެން އެބައޮތް ކަމަށެވެ.
އޭނާ ވިދާޅުވީ ހަމައެކަނި ހޭލުންތެރި ކުރުވައިގެން ނުވަތަ ސިއްޚީ ގެއްލުންތައް ބުނެދީގެން މިކަން ކޮންޓްރޯލް ކުރުމުގެ އުއްމީދު މިއަދު ގެއްލިފައިވާ ކަމަށެވެ.
ރިއެކްޝަންސް






