
ދުންފަތުގެ ބާވަތްތައް ވިއްކެނީ ޤާނޫނު ހުއްދަ ކުރާ ފަރާތަކަށްކަން ކަށަވަރުކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއް!
އުމުރާމެދު ޝައްކުވާނަމަ ރަސްމީ ލިޔުމެއް ބެލޭނެ
ދުންފަތުގެ ބާވަތްތައް ވިއްކެނީ ޤާނޫނު ހުއްދަ ކުރާ ފަރާތަކަށްކަން ކަށަވަރުކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއްގެ ގޮތުގައި ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހުގައި ހިމަނައިފިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެމްބަރު އަލޯ އަޝްރަޤު އެވެ. އެބިލްގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ.
ހުށަހެޅި އިސްލާހުތަކުގެ މައިގަނޑު މުހިއްމު އިސްލާހަކީ 1 ޖެނުއަރީ 2007 ގެ ފަހުން އުފަންވީ އެއްވެސް މީހަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުން މަނާކުރުމެވެ. 21 އަހަރު ނުވާ އެއްވެސް މީހަކަށްވެސް މިޤާނޫނަކަށް ވުމުން ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުން މަނާވާނެއެވެ. އަދި އެއުމުރުގެ އެއްވެސް މީހަކު ދުންފަތުގެ ވިޔަފާރީގެ އެއްވެސް މުއާމަލާތެއްގައި ބައިވެރިވުކުންވެސް މަނާވާނެއެވެ.
ގަންނަ މީހެއް ނޭންގޭ ގޮތަށް ވިޔަފާރީގެ މުއާމަލާތް ކުރެވޭނެ ހެން (ވެންޑިންގ މެޝިންގ ބެހެއްޓުން ފަދަ) ދުންފަތުގެ ބާވަތްތައް ވިއްކަން ބެހެއްޓުންވެސް ހުށަހެޅި އިސްލާހުތައް ފާސްވެއްޖެ ނަމަ މަނާވާނެއެވެ.
ދުންފަތް ވިއްކާއިރު ގަންނަ މީހަކީ ޤާނޫނުގައި ކަނޑައަޅާފައިވާ އުމުރަށް ފެތޭ މީހެއްތޯ ކަށަވަރުކުރުމަށް އައިޑީކާޑް ނުވަތަ ރަސްމީ ލިޔުން ބެލުމުގެ ފުރުޞަތު ވިޔަފާރި ކުރާ ފަރާތަށް ލިބެއެވެ. އުމުރަށް ފެތޭ މީހެއްކަމާމެދު ޝައްކުވާނަމަ ނުވަތަ ޔަގީން ނުވާނަމަ ރަސްމީ ލިޔުމެއް ބަލާ ކަށަވަރު ކުރަން ޖެހެއެވެ.
ދުންފަތުގެ ބާވަތްތައް ވިއްކާ ތަންތަނުގައި އެއުމުގުގެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ނުވިއްކާނެކަން އަންގައިދޭ އިންޒާރުގެ ލިޔުންވެސް ބަހައްޓަން ޖެހެއެވެ.
ދުންފަތް ބަނާކުރުމަށް ޖެނެރޭޝަނަލް ބޭން ގެނައުމަށް ނިންމަވާ ރައީސުލްޖުމްހޫރިއްޔާ ޢާއްމުންގެ ހިޔާލަށްވެސް ހުށަހެޅުއްވިއެވެ. ޖެނެރޭޝަނަލް ބޭން ގެންނާނެ އުމުރު ކަނޑައެޅުއްވީ ވަޒީރުންގެ މަޖިލިހުގެ މަޝްވަރާގެ މަތީންނެވެ.
ދުޅަހެޔޮ ސިއްހަތަކަށް ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ އަމަލީ ގޮތުން ފައްޓަވާފައެވެ. އެގޮތުން ވޭޕް އެތެރެކުރުމާއި, ވިޔަފާރި ކުރުން އަދި ބޭނުން ކުރުންވެސް ވަނީ މަނާކޮށްފައެވެ. އަދި ދުންފަތުގެ ޑިއުޓީ ވަނީ ވަރަށްބޮޑުތަނުން ބޮޑުކޮށްފައެވެ.
ރިއެކްޝަންސް






