ޔުމްނު ވެއްޓުނު ހާދިސާއަށްފަހު ސަރުކާރު!
ޔުމްނު އަށް އިންސާފް ހޯދައިދޭން ގޮވާލާ ޒުވާނުން މުޒާހަރާ ކުރަނީ: ފޮޓޯ-ސޯޝަލް މީޑިޔާ

ޔުމްނު ވެއްޓުނު ހާދިސާއަށްފަހު ސަރުކާރު!

ފުލުހުންނާ މެދު ކުރާ ތުހުމަތުތައް ތަހުގީގު ކުރަންވެސް ޕީޖީ ވަނީ އަންގާފަ

12 hours ago - 09:03
Apr 27, 2025 - 09:04

މުޅިރައްޖޭގެ ސަމާލުކަން މިވަގުތު ހުއްޓިފައިވާ އެންމެ ބޮޑު މައްސަލައަކީ މިމަހުގެ 18 ވަނަ ދުވަހުގެރޭ ހިނގި ހާދިސާއަށެވެ. ވަކީން ޚާއްޞަކޮށް އެމައްސަލައިގެ ތަހުގީގަށެވެ. އެރޭ ފަތިހު ގެއެއްގެ 9 ވަނަ ފަންގުފިލާއިން 21 އަހަރުގެ ޔުމްނު ރަޝީދު ވެއްޓުން ނުވަތަ ވައްޓާލި ހާދިސާއަށެވެ. އެއްބަޔަކު ބުނަނީ ވެއްޓުނީ ކަމަށެވެ. އަނެއްބަޔަކު އެކަން ގަބޫލެއް ނުކުރެއެވެ. ވައްޓާލީއެވެ.

ވެއްޓުނީ ނުވަތަ ވައްޓާލީ ފަތިހުއެވެ. އެރޭ ދަންވަރު ޔުމްނުއާއި އޭނާ ވެއްޓުނު ގޭގައި އެކުގައި އުޅުނު ރައުދު ހިމެނޭ ގޮތަށް 9 ޒުވާބުން އެހެން ގެއެއްގައި ގިނަ ވަގުތުތަކެއް ހޭދަކުރިއެވެ. އެއީ ޓްރާންސްޕޯރޓް މިނިސްޓަރ މުޙައްމަދު އަމީންގެ ގެއެވެ. އެގޭގައި އެޒުވާނުން ޕާޓީ ކުރީއެވެ.

މައްސަލައަށްވުރެ ބޮޑަށް މިހާރު ފޯކަސް ހުރީ މައްސަލައިގެ ތަހުގީގަށެވެ. ތަހުގީގު ވަކިގޮތަކަށް ގެންދަން އުޅޭ ކަމުގެ ތުހުމަތު ފުލުހުންގެ މުއައްސަސާއަށާއި ސަރުކާރަށްވެސް ކުރަނީއެވެ. ޒުވާނުން ނިކުމެ ސިލްސިލާ މުޒާހަރާތަކެއް ކޮށް ޑިމާންޑްތަކެއް ކުރަނީއެވެ. ސީޕީ އަލީ ޝުޖާއު އާއި ހޯމް މިނިސްޓަރ އަލީ އިހުސާން އާއި ޓްރާންސްޕޯރޓް މިނިސްޓަރ މުޙައްމަދު އިސްތިއުފާ ދެއްވުމަށެވެ. މިނިވަން ތަހުގީގެއް ކުރުމަށެވެ. ތަހުގީގުގައި މިހާތަނަށް ބައިވެރިވި ފުލުހުން އެތަހުގީގުން ދުރުކުރުމަށެވެ. ޔުމްނު އަށް އިންސާފް ހޯދައިދިނުމަށެވެ. ހަމައެހެންމެ ފުލުހުންނާއި ރައީސުލްޖުމްހޫރިއްޔާވެސް މަޢަފަށް އެދުމަށް ޑިމާންޑް ކުރެއެވެ.

Advertisement

ޒުވާނުންގެ މުޒާހަރާގެ ތިންވަނަ ރެއަށްފަހު ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އިސްތިއުފާ ދެއްވާ, ރައީސުލްޖުމްހޫރިއްޔާ އެއިސްތިއުފާ ގަބޫލުކުވެސް ކުރައްވއިފިއެވެ. ވަގުތީގޮތުން މުއައްސަސާ ހިންގެވުން ހަވާލުކުރެއްވުމަށް ޑެޕިއުޓީ ކޮމިޝަނަރ އިސްމާއީލް ނަވީން އައްޔަންކުރެއްވި އެއްސަބަބެއް ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ މިވަގުތު ފުލުހުންގެ އެންމެ ބޮޑު މަސައްކަތަކަށް އެތަހުގީގު ވުމާއި, އެކަމުގައި ނަވީން އިސްކޮށް މަސައްކަތް ކުރެއްވުމެވެ.

ދެވަޒީރުންވެސް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ގަބޫލެއް ނުކުރައްވައެވެ. ނަމަވެސް މިނިވަން ތަހުގީގެއްގެ ކަށަވަރުކަން ހޯމް މިނިސްޓަރ ދެއްވިއެވެ. އެއާ ވިދިގެން ދެން ފެނުނީ އެމައްސަލައިގެ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާ މިނިވަން ކޮމިޝަނެއް އުފެއްދެވި ތަނެވެ. ޤާނޫނީ ދާއިރާއާއި, މެޑިކަލް ދާއިރާއާއި, ތަހުޤީޤީ ދާއިރާގެ ތިން ބޭފުޅުން ހިމެނޭ ކޮމިޝަނަށް ބޮޑަތި ބާރުތަކެއް ވަނީ ދެއްވާފައެވެ. ކޮމިޝަންގެ ދައުރު ނިމޭނީ ތަހުގީގު ނިމި, އެކަން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުންނެވެ. މިނިވަން ތަހުގީގަކަށް ސަރުކާރުން ފުރުޞަތު ދެއްވީއެވެ.

މައްސަލައާމެދު ނުރުހުން އަމާޒުވެ އިތުބާރު ގެއްލުނީ ފުލުހުން އަމަލުކުރެއްވި ގޮތުންނެވެ. މައުލޫމާތު ހިއްސާކުރުން ފަސްކުރެއްވުމާއި, ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން ބަންދުކޮށްގެން ގެންދިއުމާއި, ރެކޯޑް ކުރެވޭނެ ހުރިހާ މަގެއް ނޫސްވެރިންނަށް ބަންދުކުރުމުންނެވެ. އަދި އެޑިޓްކޮށްގެން ދެއްކި ވީޑިއޯތަކަކީ ޢާއްމު ކުރުން މަނާ އަދި ތަހުގީގަށް ހުރަސްއެޅޭނެ ވީޑިއޯތަކެއް ކަމަށް ކަނޑައެޅުއްވި ނަމަވެސް ޕްރެޝަރުތަކަށްފަހު ދެވަނަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުރަތަމަ ނޫސްވެރިންނަށް ދެއްކި ވީޑިއޯއަށްވުރެ އިތުރަށް ޢާއްމުކޮށް ޓީވީތަކުން ދެއްކުމެވެ. އެދެއްކި ވީޑިއޯތަކަކީވެސް އެޑިޓްކޮށްފައިވާ ސުވާލު އުފެދޭ ވީޑިއޯތަކެއް ކަމުގައި ވުމުން މައްސަލައިގެ ތަހުގީގާ މެދު ފުލުހުންނަށް އޮތް އިތުބާރު ގެއްލި ޒުވާނުން މަގުމައްޗަށް ނިކުތީއެވެ.

ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ފުލުހުންގެ މުއައްސަސާއަށް އެންގުންތަކެއް އެންގެވިއެވެ. ފުލުހުން އަމަލުކުރި ގޮތް ގޯސްކަން ޕީޖީގެ އެންގުންތަކުން ސާފެވެ. ޕީޖީން އެންގީ އެހާދިސާ ހިނގިރޭ އެކުގައި ޕާޓީކުރި ކަމަށް ތުހުމަތު ކުރެވޭ ޒުވާނުން ކުޑަކަމުދާ ތަކެތި ދޭން އިންކާރުކުރި މައްސަލަވެސް ތަހުގީގު ކުރުމަށެވެ. ފުލުހުން ވަނީ ކުޑަކަމުދާ ތަކެތި ދޭން ދެކޮޅު ހެދި މީހުންގެ މައްސަލަ އެހިސާބުން ދޫކޮށްލާފައެވެ.

ތަހުގީގުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ކަށަވަރުކުރަންވެސް ޕީޖީ ވަނީ އަންގާފައެވެ. އަނިޔާ ލިބުނު ޒުވާނާގެ ޒާތީ މައުލޫމާތާއި, އަނިޔާ ލިބުނު މީހާ ފެންނަ ފޮޓޯއާއި ވީޑިއޯ ޢާއްމުކޮށްފައިވާތީ އަނިޔާލިބުނު މީހާގެ އަބުރާއި ކަރާމަތަށް އުނިކަން އަންނާނެ އެއްވެސް މައުލޫމާތެއް އިތުރަށް ހާމަނުކުރުމަށްވެސް އަންގައިފިއެވެ. އެއީ ހިޔުމަންރައިޓްސް ކޮމިޝަނުންވެސް ކަންބޮޑުވުން ފާޅުކުރެއްވި ކަމެކެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ކަންކަން ތަރުތީބުކުރަންވެސް ޕީޖީ ވަނީ އަންގަވާފައެވެ.

ދެންއޮތީ ޔުމްނުގެ ފަރުވާ މަރުހަލާއެވެ. ފަރުވާއަށް މެލޭޝިޔާއަށް ގެންދަން އާއިލާއިން އެދުމުން އެމަގު ފަހިކޮށްދެއްވާ ފަރުވާއަށް ވަނީ ގެންގޮސްފައެވެ. ފަރުވާއަށް ސަރުކާރުން ވަނީ 25,000 ޑޮލަރު ދެއްވާފައެވެ. މިއީ ޢާއްމުކޮށް ސަރުކާރުން މީހެއްގެ ފަރުވާއަށް ކުރާ ހޭދައެއް ނޫނެވެ.

މިހުރިހާ ކަންކަމަށް ބަލާއިރު ސަރުކާރުން ފިޔަވަޅުތަކެއް އަޅުއްވައިފިއެވެ. ޒުވާނުންގެ ޑިމާންޑްތައްވެސް އަޑު އަހައިފިއެވެ. މިނިވަން ތަހުގީގަކަށް ފުރުޞަތު ދީފިއެވެ. ޤާނޫނު ތަންފީޒު ކުރުމުގައި ވަކި މީހެއް އިސްތިސްނާ ނުކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow