
އެމްޓީސީސީ ގެ ހައުސިން ޕްރޮޖެކްޓަކާ ގުޅޭ މައްސަލައެއްގައި ފަސް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވައިފި
ދައުވާކުރަނީ ކުރީގެ ސިއީއޯ ޙަސަން ޝާހު އާއެކު އިތުރު ހަތަރު މީހެއްގެ މައްޗަށް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ން އެކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުއަކާ ގުޅިގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައެއް ތަޙްޤީގްކޮށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ދައުވާކޮށްދިނުމަށް އެދިފައިވަނީ 15 ފަންގިފިލާގެ 2 ޓަވަރު ހިމެނޭ މަޝްރޫއުއެއްގެ މަސައްކަތް ހަވާލުކުރި ކުންފުންޏަކުން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައިގައި އެކުންފުނީގެ އޭރުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ޙަސަން ޝާހް (ބަގީޗާގެ / ސ. މަރަދޫފޭދު) އަދި ހަތަރު މީހެއްގެ މައްޗަށެވެ.
އެ ހަތަރު މީހުންނަކީ އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އަދި ޓެންޑަރ އެންޑް އިވެލުއޭޝަން ކޮމިޓީގެ މެމްބަރުގެ މަޤާމުގައި އޭރުހުރި ޝިފާއު ޢަލީ (ހ. ފެއަރީޕެލަސް/ ކ.މާލެ) އަދި އެ ކޮމިޓީގައި އޭރު ތިބި ތިން މެމްބަރުން ކަމުގައިވާ ޙުސައިން ޒުހުރީ (ޕާކީޒް / ށ. ކޮމަންޑޫ), މުޙައްމަދު ނާޒިމް (ޕޮމްޕިޔާ / ކ.މާލެ) އަދި އިސްމާއިލް އަދުހަމް (ގ. ނިލަ / ކ. މާލެ) އެވެ.
ދައުވާގައި ހިމެނެނީ އެ ޕްރޮޖެކްޓަށް ބިޑް ކުރި ފަރާތްތަކުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ޚިލާފަށް ޕޮއިންޓްދީ, ޕްރޮޖެކްޓް އެ ކުންފުންޏަށް ހަވާލުކުރުމުގެ އިތުރުން ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާތިލް ކުރަންޖެހޭ ހާލަތުގައިވެސް ކުންފުންޏަށް "އެޑްވާންސް ޕޭމަންޓާއި" "ޕްރޮގްރެސިވް ޕޭމަންޓް" ދީފައިވާ މައްސަލައިގައެވެ. އެކަމުގެ ސަބަބުން އެމްޓީސީސީއަށް މާލީގޮތުން ބޮޑެތި ގެއްލުންތައް ވެފައިވާ ކަމުގައި އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން ޤާނޫނު ނަމްބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ), އަދި ޤާނޫނު ނަމްބަރު: 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ށ) އަދި ޤާނޫނު ނަމްބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 80 ވަނަ މާއްދާގެ ދަށުން ދައުވާކޮށްދިނުމަށް އެދިފައިވާނެ ކަމަށްވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ދަޢުވާގައި އެމްޓީސީސީއަށް ލިބިފައިވާ މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ތަޙްޤީގުގައި ލިބެންޖެހޭނަކަމަށް ކަނޑައަޅާފައިވާ 39,241,855.78 (ތިރީސް ނުވަ މިލިއަން, ދުއިސައްތަ ސާޅީސް އެއްހާސް, އަށްސަތޭކަ ފަންސާސް ފަސް ރުފިޔާ ހަތްދިހަ އަށް ލާރި) ގެ އިތުރުން މާލީ ގެންލުން ހިސާބުކޮށް އެފައިސާ ހޯދުމަށް ކޮމިޝަނުން އެމްޓީސީސީއަށް އަންގާފައިވާނޭ ކަމުގައިވެސް އޭސީސީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ރިއެކްޝަންސް






