
ފެންކުންފުންޏަށް 30 އަހަރު, ގިނަ ހަރަކާތްތަކެއް!
2025 ނިމޭއިރު ފެން އުފެއްދުމުގެ ކެޕޭސިޓީ %26 އަދި ފެންރައްކާކުރެވޭ މިންވަރު %28 އަށް
ފެން ކުންފުނި, މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ގެ ޚިދުމަތަށް 30 އަހަރު ފުރި, އެކަން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން އެކުންފުނިން ނިންމައިފިއެވެ.
މިއަދު ފާހަގަކުރަމުންދާ އެކުންފުނީގެ 30 ވަނަ އަހަރީ ދުވަހާ ގުޅިގެން ޢާއްމުކުރި ބަޔާނުގައި ބުނީ މިއަހަރުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރާއި, ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމާއި, ގަސް އިންދުމުގެ ޕްރޮގްރާމް ހިމެނެއެވެ. މީގެއިތުރުން ކުންފުނީގެ މުވައްޒަފުންނަށް ޚާއްޞަ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދާނެ ކަމަށް ފެން ކުންފުނިން ބުންޏެވެ. މުވައްޒަފުންގެ ކުރިއެރުމަށް މިހާރުވެސް ފެން ކުންފުނިން ދަނީ ކުރު މުއްދަތުގެ ތަމްރީނާއި ދިގު މުއްދަތުގެ ތަމްރީނުގެ ފުރުޞަތުތައް ހޯދައިދެމުނެވެ.
ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަކީ ފެންކުންފުނީގެ އެންމެ ބޮޑު އެއް އަމާޒުކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ފެން އުފައްދާ މައިމަރުކަޒުގެ އިތުރުން މާލޭގެ އެހެން ދެސަރަހައްދެއްގައި ފެން އުފައްދާ ދެ މަރުކަޒެއް ޤާއިމްކޮށް ވަނީ ފެން އުފެއްދުން ލާމަރުކަޒު ކޮށްފައެވެ. މާލެއާއި ހުޅުމާލޭގައި ފެން ރައްކާކުރާ އިތުރު ތާނގީތައް ހެދުމާއި, އިތުރު ފެން ފެންޕްލާންޓްތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެކުންފުނިން ބުންޏެވެ.
" މިގޮތުން 2025 ވަނަ އަހަރު ނިމޭއިރު ފެން އުފެއްދުމުގެ ކެޕޭސިޓީ %26 އަދި ފެންރައްކާކުރެވޭ މިންވަރު %28 އަށް އިތުރުކުރެވިގެންދާނެއެވެ" ބަޔާނުގައި ބުނެފައި ވެއެވެ.
މާލެޔާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލުމަށް ސިނަމާލެ ބްރިޖް މެދުވެރިކޮށް އަޅާފައިވާ ފެނުގެ މައި ވިޔުގަ ޑިސްއިންފެކްޓް ކުރުމާއި, ޕްރެޝަރ ޓެސްޓް ކުރުމުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށް ފެން ކުންފުނިން ބުންޏެވެ. މާލެ އާއި ހުޅުމާލޭގެ ޓްރާސްފަރ ޕަމްޕް ސްޓޭޝަން ޤާއިމް ކުރުމުގެ މަސައްކަތުގެ ބޮޑުބައިވެސް ނިމިފައިވާކަން ފެންކުންފުނީގެ އަހަރީ ދުވަހު ވަނީ ފާހަގަކޮށްފައެވެ.
މުޅި މަޝްރޫޢު ނިންމާލާ ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލާ ޚިދުމަތަށް ގެނައުމަށް ތާވަލްކުރެވިފައި ވަނީ މިއަހަރު ފަހުކޮޅު ކަމަށް ފެންކުންފުނިން ބުންޏެވެ.
"މިމަޝްރޫޢު ނިމުމުން ބޭނުންވެއްޖެ ހާލަތެއްގައި, މާލެއިން ހުޅުމާލެ އަށް ނުވަތަ ހުޅުމާލެ އިން މާލެއަށް, ގަޑިއަކު 800 ޓަނުގެ ފެން ޕަންޕް ކުރުމުގެ ޤާބިލްކަން ލިބިގެންދާނެއެވެ" ކުންފުނީގެ ކުރިއެރުމާ ގުޅޭގޮތުން ފެންކުންފުނީގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.
ރިއެކްޝަންސް






