
މަސްތުވާތަކެއްޗާއި އަދި ގިނަ އަދަދެއްގެ ފައިސާއާއި އެކު 3 މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއި، އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ 2 ލައްކައަށްވުރެ ގިނަ ރުފިޔާއާއެކު ވިލިމާލެއިން ތިން މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކުރީ ތ. ގާދިއްފުށި / ކެނެރީގެ، އިބްރާހީމް އިމާދު (30އ) އާއި މއ. ވިންޑްސްޓަރ 1 / މާލެ، މުޙައްމަދު ސިމްރާޙް (43އ) އަދި ގދ. ރަތަފަންދޫ / ޒަމާނީއާގެ، ޞަލާޙު ޝިހާބް (45އ) އެވެ.
އެމީހުން ހައްޔަރު ކުރީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންކަމަށް ފުލުހުން ވިދާޅުވިއެވެ.
އާދިއްތަ ދުވަހު ހިންގި މިއޮޕަރޭޝަންގައި އެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 57.78 ގުރާމުގެ އެއްޗެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 241,000 ރުފިޔާއަށްވުރެ ގިނަ ފައިސާވެސް ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތުދެއްވިއެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު ސިމްރާޙް އާއި ޞަލާޙު ޝިހާބް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އިބްރާހީމް އިމާދު ކޯޓުން ދޫކޮށްލުމުން, މައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މައްސަލަ ތަޙުޤީޤު ކުރަމުން ކަމަށެވެ.
ރިއެކްޝަންސް






