
ޣައްޒާއަށް އެހީގެ ދޮރު ނުހުޅުވާނަމަ އިޒްރާއިލްއާ ދެކޮޅަށް "ކަނޑުގެ އޮޕަރޭޝަން" ފަށާނެ ކަމުގެ އިންޒާރު ހޫތީން ދީފި
ހޫތީން ވަނީ އިންޒާއިލްއަށް ހަތަރު ދުވަހުގެ މުހުލަތެއް ދީފައި
ޔަމަނުގެ ހަނގުރާމަމަތީ ގްރޫޕް, ހޫތީން އިޒްރާއިލްއާ ދެކޮޅަށް "ކަނޑުމަތީގެ އޮޕަރޭޝަން" އަލުން ފަށާނެ ކަމުގެ އިންޒާރު ދީފިއެވެ. ހޫތީން ބުނީ ހަތަރު ދުވަހުގެ ތެރޭގައި ޣައްޒާއަށް ކާނާއާއި, ސިއްޙީ އެހީތެރިކަން އެކުލެވޭގޮތަށް އިންސާނީ އެހީގެ ދޮރު ހުޅުވާނުލާނަމަ ހޫތީންގެ ހަމަލާތަކާ އިޒްރާއިލްއިން ކުރިމަތި ލާންޖެހޭނެ ކަމުގައެވެ.
އިޒްރާއިލްއިން ޣައްޒާއަށް އިންސާނީ އެހީގެ އެއްވެސް މިންވަރެއް ވަނުން ހުއްޓުވާފައި އޮންނަތާ މިއީ 7 ވަނަ ދުވަހެވެ.
ރަތްކަނޑުގައި ހޫތީން އިޒްރާއިލްގެ ބޯޓްތަކަށް އަމާޒުކޮށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލީ ޖެނުއަރީ 19ވަނަ ދުވަހު ހަމާސްއާއި އިޒްރާއިލްއާ ދެމެދު ހަ ހަފުތާއަށް ހަމަލާތައް މެދުކަނޑާލުމަށް ވީ އެއްބަސްވުން ތަންފީޒުކުރަންފެށުމާއެކުއެވެ.
"އަހަރެމެން މި ނޯޓިސް މިދެނީ މުޅި ދުނިޔެއަށް. ހަތަރު ދުވަހުގެ މުހުލަތެއް މިދެނީ. މި މުހުލަތަކީ އެއްބަސްވުމުގެ މެދުވެރިން އެކަމަށް މަގުފަހިކުރުމަށް ފުރުޞަތު ދިނުން. މި ހަތަރު ދުވަހަށްފަހު އިޒްރާއިލްއިން ޣައްޒާއަށް އެހީ ވަނުމުގެ ދޮރު ހުޅުވާނުލާނަމަ އަހަރެމެން އިޒްރާއިލްގެ އަސްކަރިއްޔާއާ ދެކޮޅަށް ކަނޑުމަތީގެ އޮޕަރޭޝަންތައް އަލުން ފަށާނަން" ގްރޫޕްގެ ލީޑަރު އަބްދެލް-މަލިކް އަލް-ހޫތީ ދިން ވީޑިއޯ ބަޔާނެއްގައި ބުނެފައި ވެއެވެ.
2023 ވަނަ އަހަރު އިޒްރާއިލްއިން ޣައްޒާއަށް ހަމަލާތައް ދޭން ފެށުމާއެކު އީރާނުން ވާގިވެރިވާ ހޫތީންވަނީ ރަތްކަނޑު އަދި ޤަލްފް އޮފް އެޑެން ގައި 100 އަށްވުރެ ގިނަ ހަމަލާ އިޒްރާއިލްގެ ބޯޓްތަކަށް އަމާޒުކޮށް ދީފައެވެ. އެމީހުން ބުނެފައިވަނީ އެއީ ފަލަޞްޠީނުގެ ރައްޔިތުންނާ އެކު ތިބިކަން ހާމަކުރުމުގެ ގޮތުން ކުރާ ކަމެއް ކަމުގައެވެ.
މި މުއްދަތުގެ ތެރޭގައި ހޫތީންވަނީ އިޒްރާއިލްގެ ދެ ބޯޓެއްވެސް ފައްތާލާ, އެއްބޯޓް އެމީހުންގެ ބާރުގެ ދަށަށްވެސް ގެނެސްފައެވެ. އަދި ހޫތީންގެ ހަމަޅާތަކުގެ ސަބަބުން ދުނިޔޭގެ ޝިޕިން ރޫޓުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
ހޫތީންގެ މި އިންޒާރާ ގުޅިގެން އިޒްރާއިލްއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ރިއެކްޝަންސް






