
ހައްޖު ކޯޕަރޭޝަނުގެ ދަތުރު ތަކުގައި ބައިވެރިވާ ސިއްހީ އެހީތެރިންގެ ދަފްތަރެއް އެކުލަވާލަނީ
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކުރާ ހައްޖާއި އުމްރާ ދަތުރު ތަކުގައި ސިއްހީ އެހީތެރިންގެ ގޮތުގައި ބައިވެރިވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލައި، އެދަފްތަރުގައި ރަޖިސްޓަރީ ވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
މިދަފްތަރު އެކުލަވާލުމަށްފަހު، ސިއްހީ އެހީތެރިންގެ ގޮތުގައި އެކުންފުނީގެ ހައްޖާއި އުމްރާ ދަތުރު ތަކުގައި ބައިވެރިން ހޮވާލަނީ ހަމައެކަނި ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކުުގެ ތެރެއިން ކަމަށް އެކުންފުނިން ކޮށްފައިވަ އިއުލާނުގައި ވަނީ ބުނެފައެވެ.
ޑޮކްޓަރުންގެ ގޮތުގައި މިދަފްތަރުގައި ރަޖިސްޓްރީ ކުރެވޭނީ، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލު ކުރާ މެޑިކަލް ޑިގްރީއަކާއި އެކައުންސިލުން ގަބޫލުކުރާ މުއައްސަސާއެއްގައި އިންޓާރންޝިޕް ފުރިހަމަ ކޮށް، ސިއްހީ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ސިއްހަތު ރަނގަޅު ފަރާތްތައް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ޑޮކްޓަރުންގެ ތެރެއިން ދަފްތަރުގައި ރަޖިސްޓްރީ ކުރުވޭ ދާއިރާތަކަކީ މެޑިކަލް އޮފިސަރުންނާއި، ޖެނެރަލް ޕްރެކްޓިޝަނަރުންނާއި، ފިޒީޝަނުން، އަދި ކާޑިއޮލޮޖިސްޓުންނާއި، ނެފްރޮލޮޖިސްޓުން އަދި ނިއޮރުލޮޖިސްޓުންނެވެ.
ދަފްތަރުގައި ރަޖިސްޓްރީ ކުރެވޭ ނަރުހުން ވާންޖެހެނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށް، ސިއްހީ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ސިއްހަތު ރަނގަޅު ފަރާތްތައް ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.
ދަފްތަރުގައި ބައިވެރިވުމަށް އެދި ހުޅާހަޅާ ޑޮކްޓަރުންނާއި ނަރުހުންގެ ވެސް މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަންއާއި ލައިސެންސް އޮންނަން ޖެހެއެވެ. މިދަފްތަރުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޑޮކްޓަރުންނާއި ނަރުހުންނަށް، އެކުންފުނީގެ ވެބްސައިޓުގައިވާ "ހައްޖު އަދި އުމްރާ ދަތުރުތަކުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަަހަޅާ ފޯމު" ހުށަހެޅޭނެ ކަމަށާއި، ފޯމާއެކު، ތައުލީމީ ސްޓްފިކެޓު ތަކުގެ ކޮޕީގެ އިތުރުން، މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކާއި، ވަޒީފާ އަދާ ކުރި ނުވަތަ ކުރަމުންގެންދާ ތަނެއްގެ ރަސްމީ ލިޔުން ހުށާހަޅާން ޖެހޭނެ ކަމަން ވަނީ ބުނެފައެވެ.
މީހުން ހޮވުމުގައި އަރަބި ނުވަތަ އުރުދޫ ބަހުން މުއާމަލާތު ކުރަން އެނގޭ، އަދި މިމަސައްކަތުގައި ކުރިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދޭން ކަމަށް ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.
ރިއެކްޝަންސް






