
އީރާނުގެ ތެލުގެ ނެޓްވޯކްތަކަށް އަމާޒުކޮށް ޓްރަމްޕްގެ ސަރުކާރުން ފުރަތަމަ ދަތިކުރުމުގެ ފިޔަވަޅު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނަށް ފުރަތަމަ ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. އިރާނުގެ ތެލުގެ ނެޓްވޯކަށް އަމާޒުކޮށް ފިޔަވަޅު އަޅާފައިވަނީ ތެޙްރާންއަށް ވީހާވެސް ބޮޑަށް ފިއްތުންތައް ކުރިމަތިކުރުމަށްކަމަށް އެމެރިކާގެ ޓްރެޝަރީން ބުރާސްފަތި ދުވަހު ބުނެފައި ވެއެވެ.
ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ މިހާރުވެސް ފިޔަވަޅު އަޅާފައިވާ ކުންފުނިތަކަށާއި އާންމު ފަރުދުންގެ މައްޗަށް މިހާރު ހުރި ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށެވެ. އެމެރިކާގެ ކުރީގެ ރައީސް ޖޯއެ ބައިޑެން ގެ ސަރުކާރުންވެސް އައީ ނިޒާމީ ގޮތެއްގައި އަބަދުވެސް އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.
"އީރާނުގެ ސަރުކާރުން އެމީހުންގެ ނިއުކްލިއަރ ޕްރޮގްރާމްތައް ތައްރައްގީކޮށް ހިންގުމަށް ބޭނުންވާ ފަންޑިން އަށް އެމީހުން އެންމެ ބޯޑަށް ބަރޯސާވަނީ އެމީހުންގެ ތެލުގެ ނަފާއަށް. ނުރައްކާތެރި ބެލިސްޓިކް މިސައިލްތަކާ, މީހުންނުލާ އުދުހޭ އުޅަނދުތަކާ އަދި އެމީހުން ގައުމުން ބޭރުގައި ގެންގުޅޭ ޓެރަރިސްޓް ޖަމާޢާތްތައް ހިންގުމަށްވެސް" ޓްރެޝަރީގެ ސެކްރެޓްރީ, ސްކޮޓް ބެސެޓްގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި އީރާނުން އެބާވަތުގެ ނުރައްކާތެރި ކަންކަމަށް ފަނޑުކުރަން ބޭނުންކުރާ ވަސީލަތްތަކަށް އަމާޒުކޮށް އެމެރިކާއިން ދަތިކުރުމުގައި ދެމިއޮންނާނެ ކަމަށާއި, ޗައިނާ, އިންޑިއާ, އަދި ޔޫއޭއީ ފަދަ ތަންތަނުގައި އީރާނުގެ ތެލުގެ ނެޓްވޯކާއެކު މަސައްކަތްކުރާ ކުންފުނިތަކާއި މީހުންނަށްވެސް މިޔަވަޅުތައް ފުޅާވެގެންދާނެކަމުގައެވެ.
މި ފިޔަވަޅުތައް ބުރާސްފަތި ދުވަހު އިޢުލާން ކުރިއިރު މީގެ ދެ ދުވަސްކުރިން ޓްރަމްޕް ވަނީ އިރާނާ ދެކޮޅަށް ފިއްތުންތައް ކުރިމަތިކުރުމާގުޅޭ ޤަރާރުގައި ސޮއިކޮށްފައެވެ. އެއީ ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އީރާނާ ދެކޮޅަށް ފެށި ކެމްޕޭނެކެވެ. މި އަމުރުގައި އެމެރިކާގެ އޮފިޝަލުންނަށް އީރާނާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ވީހާވެސް ވަރުގަދަކޮށް އީރާނުގެ ތެލުގެ އެކްސްޕޯޓް ޒީރޯ ކުރުމަށް އަންގާފައިވެއެވެ.
ރިއެކްޝަންސް






