ފަޒުލްގެ ގެއިން ފެނުނު ފައިސާ އަނބުރާ ހަވާލުކޮށްފި
ތަހުގީގު އަދި ނުނިމޭ
ފަޒުލްގެ ގެއިން ފެނުނު ފައިސާ އަނބުރާ ހަވާލުކޮށްފި އެވެ. އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ދިރިއުޅޭ ގެ ކޯޓް އަމުރެއްގެ ދަށުން ފާސްކުރުމަށް ފުލުހުން އެރު ބުނެފައިވަނީ 1.4 މިލިއަން ރުފިޔާ ފެނުނު ކަމަށެވެ.
ފަޒުލްގެ އިތުރުންވެސް އެޗްޑީސީން އުސޫލުން ބޭރުން ގޯތި ވިއްކި މައްސަލައިގެ ތުހުމަތުކުރެވޭ މީހުން ދިރިއުޅޭ ތަންތަން ފާސްކޮށް, އިލެކްޓްރޯނިކް ސާމާނުތައް ހިފެހެއްޓި ކަމަށް ފުލުހުން ބުންޏެވެ. މިއަދު ފުލުހުން ބުނީ އެޗްޑީސީ ގޯތި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ އެޕާޓްމަންޓް ބަލާ ފާސްކޮށް, ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފައިސާގެ ވެރިފަރާތާ ވަނީ ހަވާލުކޮށްފައި ކަމަށެވެ.
ފުލުހުން ހަވާލުކުރި ކާކުގެ އެޕާރޓްމަންޓުން ނެގި ކިހާ ފައިސާއެއް ކަމެއް މިއަދު ނުބުނެއެވެ. އެކަމަކު މިމައްސަލައިގައި އެޕާރޓްމަންޓުން ފައިސާ ފެނުނު ކަމަށް ކުރިން ފުލުހުން ބުނެފައިވަނީ ހަމައެކަނި ފަޒުލުގެ އެޕާރޓްމަންޓުންނެވެ. ނަމަވެސް ފެރީ ޚިދުމަތް ދޭ ކުންފުންޏަކުން އޭރު ވަނީ 1.4 މިލިއަން ރުފިޔާ ފަޒުލްއަށް ދިން ކަމަށް ބުނެފައެވެ. އެއަދަދަށް ނަގުދު ފައިސާ ދިނީ ލޯންޗެއް ބަންނަން ކަމަށްވެސް އެކުންފުނިން ބުންޏެވެ.
ފައިސާ އަނބުރާ ހަވާލުކުރިއިރު މައްސަލައިގެ ތަހުގީގެއް އަދި ނުނިމެއެވެ.
ރިއެކްޝަންސް