ސިޓީގެ މައްޗަށް ހޯދި ބޮޑު މޮޅާއެކު އާސެނަލްއިން ޕޮއިންޓްގެ ފަރަގު ކުޑަކޮށްފި
ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހު 5-1 ން މެންޗެސްޓަރ ސިޓި ބަލިކޮށް, އާސެނަލްއިން ލީގު ތާވަލްގެ އެއްވަނައިގައި އޮތް ލިވަޕޫލްއާ ޕޮއިންޓްގެ ފަރަގު ކުޑަކޮށްފިއެވެ.
ލިވަޕޫލް ތާވަލްގެ އެއްވަނައިގައި އޮތީ 23 މެޗުން 56 ޕޮއިންޓާއެކު އެވެ. ސިޓީއަތުން ހޯދި ތިން ޕޮއިންޓާއެކު ވަނީ އާސެނަލް ހަ ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. ސިޓީއަށް ތާވަލްގެ ހަތަރުވަނަ ލިބެނީ 41 ޕޮއިންޓާއެކުއެވެ.
މެޗުގެ ދެވަނަ މިނިޓްގައި އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ލީޑުނެގީ ކައި ހަވާޓްޒް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ފުރަތަމަ ހާފު އެއްވެސް ޓީމަކަށް އިތުރު ގޯލެއް ކާމިޔާބު ނުކުރެވި އޮތުމަށްފަހު ސިޓީން ނަތީޖާ އެއްވަރުކުރީ މެޗުގެ 55 ވަނަ މިނިޓްގައެވެ. ސިޓީގެ ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އާލިން ހާލަންޑް އެވެ.
ނަތީޖާ އެއްވަރުކުރުމަށްފަހު ސިޓީއަށް ރަނގަޅަށް ހަމަޖެހިލާނެ ފުރުޞަތެއްވެސް ނުދީ އާސެނަލްއަށް ޖެހިގެންއައި މިނިޓްގައި އަނެއްކާވެސް ލީޑު ނަގައިދިނީ ތޯމަސް ޕާޓޭއެވެ. އާސެނަލްއަށް އޭނާ ފުރަތަމަ ކާމިޔާބުކޮށްދިން ގޯލާއެކު މައިލްސް ލެވިސް-ސްކެލީ ވަނީ 62 ވަނަ މިނިޓްގައި ލީޑު ފުޅާކޮށްދީފަދީފައެވެ.
މެޗުގެ 76 ވަނަ މިނިޓްގައި ގެބްރިއެލް މާޓިނެއްލީ ތަނަވަސްކޮށްދިން ފުރުޞަތުގައި އާސެނަލްއަށް ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒްއެވެ. އެހިސާބުން ޕެޕް ގާޑިއޯލާގެ ޓީމަށް ނަތީޖާ އަލުން އަނބުރާ ނުލެވޭނެކަން ގާތްގަނޑަކަށް ކަށަވަރުވިއެވެ.
ކައުންޓަރއެޓޭކްގައި އާސެނަލްގެ ކޭކުގައި އައިސިންގ ޖަހައިދިނި ބަދަލު ކުޅުންތެރިޔާ އީތަން ވަނޭރީއެވެ. އިތުރު ވަގުތުގެ 3 ވަނަ މިނިޓްގައި ފަސްވަނަ ގޯލް ޖެހުމަށް އެހީތެރި ޑެކްލަން ރައިސް ވަނީ އާސެނަލްގެ ތިންވަނަ ގޯލް ޖެހުމުގައިވެސް އެހީތެރިވެފައެވެ.
ރިއެކްޝަންސް