ޣައްޒާއާ ގުޅޭގޮތުން ޓްރަމްޕްގެ ހުށަހެޅުމަށް އަރަބި ލީޑަރުން އިންކާރުކޮށްފި
ޣައްޒާގެ ރައްޔިތުން އަވައްޓެރި މިޞްރަށާއި އުރުދުންއަށް ގެންގޮސް "ޣައްޒާ ސާފުކޮށްލުމަށް' އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް ދެއްކި ވާހަކަތަކަށް އަރަބި ލީޑަރުން ރައްދުދީ, އެ ހުށަހެޅުމަށް އިންކާރުކޮށްފިއެވެ.
އެކަން ޤަބޫލުކުރަން އިންކާރުކޮށް ޢަރަބި ފަސް ޤައުމެއްގެ ޙާރިޖީ ވަޒީރުން ވަނީ ގުޅިގެން ބަޔާނެއް ނެރެފައެވެ. ބަޔާނުގައި ފަލަޞްޠީނުގެ ރައްޔިތުން ގަދަކަމުން އެމީހުންގެ ވަޒަނުން ބޭލުމާ ދެކޮޅުހަދާކަމަށް ބުނެފައިވެއެވެ.
މިޞްރު, އުރުދުން, ސަޢުދި އެރޭބިއާ, ޤަތަރު, ޔުނައިޓަޑް އެރަބް އެމިރޭޓްސް އަދި ފަލަޞްޠީނިއަން އޮތޯރިޓީ އާއި އަރަބި ލީގުގެ އޮފިޝަލުންނާއި ހާރިޖީ ވަޒީރުން ބުނެފައިވަނީ ޓްރަމްޕްގެ ހުށަހެޅުމާ ގުޅިގެން މެދުއިރުމަތީގެ ހަމަޖެހުމަށް ނުރައްކާވެދާނެ ކަމަށެވެ. އަދި ސުލްޙަ ޤާއިމްކުރުމަށް އޮތް ފުރުޞަތުތައް ހަނިވެ, މެދުއިރުމަތީގައި ހަމަނުޖެހުން އިތުރުވެގެންދާނެ ގޮވާލުމެއްކަމަށްވެސް ވަނީ ސިފަކޮށްފައެވެ.
"އަހަރެމެން ޔަޤީންކޮށްދެން ފަލަޞްޠީނުގެ ރައްޔިތުންގެ ޙައްގުތައް ގެއްލޭގޮތަށް (އެއްވެސް ކަމެއް) ވިޔަ ނުދޭނެކަން. އެއީ އެމިހުންގެ ބިމަށް އެހެން ބަޔަކު ވެރިވުން ކަމަށްވިއަސް ނޫނީ އެމީހުން, އެމީހުންގެ ބިމުން ބޭލުންފަދަ އަމަލަކަށް ވިއަސް. އެއްވެސް ގޮތަކަށް އެއްވެސް ހާލަތެއްގައި އެކަންކަން ބަލައި ނުގަންނާނަން" ބަޔާނުގައި ބުނެފައި ވެއެވެ.
ޢަރަބި ލީޑަރުން މި ބައްދަލުވުން ބާއްވާފައިވަނީ ޣައްޒާގެ ރައްޔިތުން އުރުދުން އަދި މިޞްރަށް ގެންގޮސް ޣައްޒާ "ސާފުކުރުމަށް' ޓްރަމްޕް ގޮވާލިތާ ހަފުތާއެއް ފަހުންނެވެ.
ޓްރަމްޕްގެ ގޮވާލުމަށްފަހު އޭގެފަހުންވެސް އޭނާ ވަނީ އެކަން ކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި އަރަބިން އެކަން ކުރާނެ ކަމަށާއި އެނޫންގޮތެއް އެމީހުންނަށް ނެތް ކަމަށެވެ.
"އެމީހުން އެކަން ކުރާނެ. އެމީހުން އެކަން ކުރާނެ. އަހަރެމެން އެމީހުންނަށް ބައިވަރު ކަންތައް ކޮށްދެން. އެހެންވީމަ އެމީހުން އެކަން ކުރާނެ" ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޓްރަމްޕް އިތުބާރާއެކު ބުނެފައި ވެއެވެ.
އިޒްރާއިލްއަށް އަސްކަރީގޮތުން ބޮޑެތި އެހީތައް ދެމުން އަންނަ އެމެރިކާގެ ރުހުމާއި ތާއީދާއެކު އިޒްރާއިލްއިން ވަނީ ޣައްޒާގައި 15 މަސްދުވަސްވަންދެން ހުއްޓުމެއްނެތި ޤަތުލްއާންމު ހިންގާފައެވެ. ހަމަލާތަކުގައި ޣައްޒާގެ އާބާދީގެ 2.3 މިލިއަން މީހުން އެއްކޮށްވަނީ ވިއްސިވިހާލި ވެފައެވެ.
ރިއެކްޝަންސް