
ޗެމްޕިއަންސް ލީގު ޕްލޭ-އޯފް ޑްރޯ: މެންޗެސްޓަރ ސިޓީ ރެއާލް މެޑްރިޑާ ދެކޮޅަށް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ-އޯފް ބުރުގައި މެންޗެސްޓަރ ސިޓީން ރެއާލް މެޑްރިޑާ ވާދަކުރަން ޖެހިއްޖެއެވެ. މިއީ ވިދިވިދިގެން މި ދެ ޓީމު ނޮކްއައުޓް ސްޓޭޖްގައި ވާދަކުރާ ހަތަރުވަނަ ފަހަރެވެ.
ސިޓީއާ ވާދަކުރަން ޖެހިދާނެކަމަށް ދެން ބެލެވުނު ބަޔާން މިއުނިކުން ޕްލޭ-އޯފްގައި ވާދަކުރާނީ ސެލްޓިކް އާއެވެ. ފްރާންސްގެ ޕެރިސް ސެއިންޓް ޖެމައިން (ޕީއެސްޖީ) ވާދަކުރާނީ ފްރެންޗް ލީގުގެ ކްލަބް ބްރެސްޓް އާއެވެ.
ފާއިތުވި ސީޒަންގައި ސިޓީއާއި ރެއާލް ބައްދަލުކުރީ ކުއާޓަރ ފައިނަލްގައެވެ. ކުއާޓާރގެ ދެ ލެގުންވެސް ދެޓީމު އެއްވަރުވެ އެންމެ ފަހުން ރެއާލް ސެމީއަށް ދަތުރުކުރީ ޕެނަލްޓީން ކުރި ހޯދައިގެންނެވެ. އެފަހަރު ރެއާލުން ފައިނަލްގައި ބައްދަލުކުރީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާއެވެ. އޭގެ ކުރީ އަހަރު ސިޓީން ފައިނަލްގައި އިންޓަމިލާން ބަލިކޮށް ޓްރެބަލް ހާސިލް ކުރުމުގެ ކުރިން ސެމީ ފައިނަލްގައި ރެއާލްގެ މައްޗަށް ކުރިހޯދީ 5-1 ގެ އެގްރަގޭޓުންނެވެ.
އެހެންނަމަވެސް ސިޓީގެ މިފަހަރު ހާލަތު ތަފާތެވެ. ސިޓީގެ މުޅި ތާރީޚްގައިވެސް އެންމެ ދަށް ނަތީޖާތަކެއް ހޯދި ދެމަހެއްހާ ދުވަހަށް ފަހު މިހާރު ހަމަޔަކަށް އެޅެމުން އަންނަކަމަށް ބެލެވޭއިރު ޗެމްޕިއަންސް ލީގުގައި ވެސް މޮޅުވެފައިވަނީ އެންމެ ތިން މެޗުންނެވެ.
ޕްރިމިއަރ ލީގު ހޯދުމުގެ ރޭހުގައިވެސް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ސިޓީ ރެއާލްއާ ދެކޮޅަށް ޕްލޭ-އޯފްގައި ނިކުންނައިރު ސިޓީގެ ޑިފެންސަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކާ ކުރިމަތިލާންޖެހިފައެވެ.
ސީޒަން ރެއާލުންވެސް ފެށީ އެހާ ރަނގަޅަށް ނޫންނަމަވެސް, މި ސީޒަންގައި ޓީމާ ގުޅުނު ކީލިއަން އެމްބާޕޭ ރެއާލްގައި ފޯމަށް އެޅި ޓީމު މިހާރު އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ.
ޕްލޭ-އޯފް ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް އޮންނާނީ އަންނަމަހު 11-12 ގައެވެ. އަދި ދެވަނަ ލެގުގެ މެޗުތައް ހަމަ އެމަހު 18-19 އަށް ކުރިއަށް ދާނެއެވެ.
މިފަހަރުގެ ޗެމްޕިއަންސް ލީގުގެ އާ ފޯމެޓުގައި ވާގޮތުން ލީގުގެ ގަދަ 8 ޔަގީންކުރާ ޓީމުތައް އޮޓޮމެޓިކުން ދެވަނަ ބުރަށް ދަތުރު ކުރާނެއެވެ. އެ މެޗުތަކުގެ ގުރުއަތުލުން އޮންނާނީ ފެބުރުއަރީ 21 ގައެވެ.
މިހާރު އޮތް ގޮތުން މެންޗެސްޓަރ ސިޓީއާއި ރެއާލް މެޑްރިޑްގެ ތެރެއިން މޮޅުވާ ޓީމް ދެވަނަ ބުރުގައި ވާދަކުރަންޖެހޭނީ އެތްލެޓިކޯ މެޑްރިޑް ނުވަތަ ބަޔާން ލެވަކޫސަން އާއެވެ.
ރިއެކްޝަންސް






