ޢިލްމުގެ ހަކަތައިން ވަކިވަކި ފަރުދުން ބާރުވެރިކުރުން މުހިންމު- ރައީސުލްޖުމްހޫރިއްޔާ
ޢިލްމުގެ ހަކަތައިން ވަކިވަކި ފަރުދުން ބާރުވެރިކުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ދުނިޔޭގެ ތަޢުލީމު ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޢިލްމުގެ ހަކަތައިން ވަކިވަކި ފަރުދުން ބާރުވެރިކުރުމުގެ މުހިންމުކަން ދެނެގަންނަން ޖެހޭކަމަށެވެ. މިއަހަރުގެ ދުނިޔޭގެ ތަޢުލީމު ދުވަހުގެ ޝިޢާރުކަމަށްވާ، "އޭ.އައި އެންޑް އެޑިއުކޭޝަން: ޕްރިޒަރވިންގް ހިއުމަން އޭޖެންސީ އިން އަ ވަރލްޑް އޮފް އޮޓޮމޭޝަން" އަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތަޢުލީމީ ނިޒާމަށް ފުރުޞަތުތައް ފަހިވެފައިވާ މި ދަނޑިވަޅުގައި އިންސާނީ ސިފަ ދެމެހެއްޓުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި މިފަދަ ޒަމާނެއްގައި، ފަންނިއްޔާތާއި ތަޢުލީމު އެކުއެކީގައި އެކުލެވިގެންދިއުމަކީ ލާޒިމުކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަތީފަންތީގެ އީ-ލަރނިންގ ވަޞީލަތްތަކާއި، އާޓިފިޝަލް އިންޓެލިޖަންސާއި، ވަރޗުއަލް ރިއަލިޓީ، ތަޢުލީމީ ނިޒާމުގެ ތެރޭގައި އެކުލަވައިގެން، ރާއްޖެ ފަދަ ޖޯގްރަފީ ގޮތުން ފެތުރިފައިވާ ޖަޒީރާ ޤައުމެއްގެ ކުރިމަގު، މުސްތަޤުބަލުގެ ޖީލުތަކަށް އުޖާލާކޮށްދެވިދާނެކަމަށެވެ. ޓެކްސްޓް ފޮތްތައް ޑިޖިޓައިޒްކޮށް، ޤާބިލިއްޔަތުގެ މައްޗަށް ބިނާކޮށްފައިވާ ހައިބްރިޑް އުނގެނުމުގެ މޮޑެލްއެއްގެ އެހީގައި ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުން ދަނީ ކަރިކިއުލަމްގައި ޑިޖިޓަލް ޓެކްނޮލޮޖީ އެކުލަވަމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ "ސްޓީމް" ތަޢުލީމުގެ އެހީގައި ތުއްތު ސިކުނޑިތަކުގައި ހުޅުކޮޅު ރޯކުރުމަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމެއްކަމަށެވެ.
މިއަދު، ތަޢުލީމުގެ މުހިންމުކަން ހަނދާންކުރަމުންދާ ހިނދު، ކުޑަކުދިންނާއި ޒުވާނުންގެ ޢިލްމާއި ހުނަރުތައް އިތުރުކުރުމަށް، ތަޢުލީމީ ދާއިރާގައި އިޚުލާސްތެރި މަސައްކަތްތައްކޮށްދެއްވާ ދިވެހި އަދި ބޭރުގެ ތަޢުލީމީ މުވައްސަސާތަކާއި ވަކިވަކި ފަރުދުންނަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.
އަދި، މި ޤައުމުގެ ކޮންމެ ކުއްޖަކީވެސް، އެކުދިންގެ ތުއްތު ސިކުނޑިތައް މުއްސަނދިކޮށްދޭފަދަ އަގުކުރުންތައް ޤާއިމުކޮށްދޭފަދަ، ޚިޔާލާއި އުފެއްދުންތެރިކަމަށް ހިތްވަރުދޭފަދަ، އަދި ބަދަލުވަމުންމިދާ ދުނިޔޭގައި ފައިހަމަކޮށްލުމުގެ ޤާބިލުކަން ލިބޭފަދަ، ރަނގަޅު ފެންވަރުގެ ތަޢުލީމު ލިބޭ ކުއްޖެއްކަން ކަށަވަރުކުރައްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރިއެކްޝަންސް