
ރ.އުނގޫފާރަށް ގިނަ ޚިދުމަތްތަކެއް!
ޕާސްޕޯޓާއި އައިޑީކާޑް ހަދާ ދޫކުރުމުގެ ޚިދުމަތް ފަށައިފި
ރ.އަތޮޅުގެ ވެރިކަންކުރާ ރަށް އުނގޫފާރުގައި ގިނަ ޚިދުމަތްތަކެއް ތަޢާރަފްކޮށް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ރ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ.އަތޮޅަށް ވަޑައިގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ ޕާސްޕޯރޓްގެ ޚިދުމަތާއި, ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ޚިދުމަތް އެރަށުގައި ފަށާފައެވެ, މިޚުދުމަތްތައް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރ އަލީ އިހުސާން އާއި ރ.އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް އެވެ.
މިއާއެކު އުނގޫފާރުން ޕާސްޕޯރޓް ހައްދާ ދޫކުރާނެއެވެ. އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރާނެއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ބުދަ (މިއަދު) އިން ފެށިގެން "އިމުގާ" މެދުވެރިކޮށް ހުށަހަޅާ ޕާސްޕޯޓުތައް ރ.އުނގޫފާރުން ނެގުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައި ކަމަށެވެ.
އުނގޫފާރަކީ އާބަން ސެންޓަރެއްގެ ގޮތުގައިވެސް ތަރައްޤީކުރަން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ރަށްތަކުގެ ތެރެއިން ރަށެކެވެ. އައިޑީކާޑް ޕްރިންޓްކޮށް ދޫކުރުމާއި, ޕާސްޕޯރޓް ދޫކުރުމުގެ ޚިދުމަތް މިއަހަރުގެ ނިޔަލަށް ކޮންމެ އަތޮޅަކާއި ސިޓީއަކުންވެސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެވެ.
އުނގޫފާރުގައި މިރޭ ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ސޭލްސް ސެންޓަރެއް ޤާއިމްކޮށް, އޭޓީއެމްއެއް ބެހެއްޓުމުގެ އެއްބަސްވުމުގައިވެސް ސޮއިކޮށްފައެވެ. ބޭންކިންގ ނިޒާމް މުޅި ރާއްޖެއަށް ފުޅާކުރުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.
ރިއެކްޝަންސް






