ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޙާން އަށް ވަޅިން ހަމަލާދީ ޒަޙަމްކޮށްލައިފި
އިންޑިއާގެ އެކްޓަރު ސައިފް ޢަލީ ޙާންގެ ގެއަށް މީހަކު ވަދެ އޭނާއަށް ވަޅިން ހަމަލާދީ ޒަޙަމްކޮށްލައިފިއެވެ. މުމްބާއީގައި ސައިފް ދިރިއުޅޭ ގެއަށް އެމީހާ ވަނީ ބުރާސްފަތި ދުވަހު މެންދަމު 2:30 ހާއިރުއެވެ.
ސައިފް އާއި އޭނާގެ އަނބިމީހާ, ބޮލީވުޑްގެ އެކްޓްރެސް ކަރީނާ ކަޕޫރް ޙާން އާއި އެމީހުންގެ ދެކުދިން ކަމަށްވާ ތައިމޫރް އަދި ޖެހް ދިރިއުޅޭ ގެއަށް އެމީހާ ވަދެ ސައިފްއަށް ހަމަލާދިނީ އެމީހުން ނިދާފައި ތިބި ވަގުތެއްގައެވެ. ނަމަވެސް ކަރީނާ އަދި އެއްވެސް ކުއްޖަކަށް އަނިޔާއެއް ވެފައެވެ ނުވެއެވެ.
ސައިފް އަދި އޭނާގެ އާއިލާ ދިރިއިޅެނީ މުމްބާއީގެ ބަންޑްރާގައި ހުންނަ 'ސަތްގުރޫ ޝަރަން' އިމާރާތުގެ 11 ވަނަ ފަންގިފިލާގައެވެ.
ހޮސްޕިޓަލުން ބުނި ގޮތުގައި ސައިފްގެ ގައިގެ ހަ ތަނަކަށް ވަޅިން ހަމަލާދީފައި ވެއެވެ. އަދި އެއް ޒަޙަމް ހުރީ މައިކައްޓާ ވަރަށް ކައިރީގައި ކަމަށްވެސް ހޮސްޕިޓަލްއިން އިން ވަނީ މަޢުލޫމާތު ދީފައެވެ. ސައިފް އަށް ފަރުވާ ދެމުންދަނީ މުމްބައިގެ ލިލާވަތީ ހޮސްޕިޓަލްގައެވެ.
"3:30 ހާއިރު ސައިފް ވަނީ ހޮސްޕިޓަލްއަށް ގެނެވި ފަރުވާދޭން ފަށާފައި. އޭނާގެ ހަށިގަނޑުގައި ހަ ޒަޙަމެއް ހުރިއިރު ދެ ޒަޙަމް ވަރަށް ފުންކޮށް ހުރީ. އެއް ޒަޙަމް މައިކައްޓާ ވަރަށް ކައިރީގައި. ހޮސްޕިޓަލް އިން އޭނާގެ އޮޕަރޭޝަނެއް ކުރާނެ" ލިލާވަތީ ހޮސްޕިޓަލްގެ ޑރ. ނިރާޖް އުއްތަމަނީ ހިންދުސްތާން ޓައިމްސް އަށް މަޢުލޫމާތު ދީފައި ވެއެވެ.
މުމްބާއީގެ ފުލުހުންނާ ހަވާލާދީ އޭއެންއައި ނިއުސް އެޖެންސީ ގައި ވާގޮތުން ކާކުކަން ނޭނގޭ އެމީހާ ސައިފް ދިރިއުޅޭ ގެއަށް ވަނީ ވައްކަން ކުރުމަށެވެ. ސައިފް އަށް ހޭލެވިގެން އައީ އެމިހާއާއި ގޭގައި ގެންގުޅޭ މީހާ އާ ދެމެދު ޒުވާބުކުރާ އަޑަށެވެ. އަދި އެމީހާ ހުއްޓުމުމަށް ސައިފް މަސައްކަތް ކުރުމުން ސައިފް އަށް ވަޅިން ހަމަލާދިނީ ކަމުގައެވެ.
"ސައިފް ޢަލީ ޙާންގެ ގެއަށް މީހަކު ވަދެ އޭނާއަށް ވަނީ ހަމަލާދީފައި. ސައިފް މިވަގުތު އޮތީ ޒަޙަމްތަކަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލްގައި އެނދުމަތި ކުރެވިފައި. ވަރަށް އަވަހަށް ސާޖަރީ އެއް ކުރެވޭނެ. މީޑިއާ އަދި ފޭނުންވެސް މިވަގުތު ކެތްތެރިވުމަށް އެދެން" އެކްޓަރުގެ ފަރާތުން ދީފައިވާ ރަސްމީ ބަޔާނުގައި ބުނެފައި ވެއެވެ.
ރިއެކްޝަންސް