އާސެނަލް ދެވަނައަށް ޖެހިލާ ފަރަގު ކުޑަކޮށްފި, މޮޅަކާއެކު ނިއުކާސަލްއަށް އުއްމީދެއް!
ޕްރިމިއަރ ލީގުގައި ބުދަ ދުވަހު ޓޮޓްނަމް ހޮޓްސްޕަރ 2-1 ން ބަލިކޮށް ތާވަލްގެ ދެވަނައަށް އަނެއްކާވެސް އާސެނަލް ޖެހިލައިފިއެވެ. އާސެނަލްގެ މި މޮޅާއެކު އެޓީމުންވަނީ އެއްވަނައިގައި އޮތް ލިވަޕޫލް އާ އޮތް ޕޮއިންޓްގެ ފަރަޤުވެސް ކުޑަކޮށްފައެވެ. 3-0 ން ވުލްވްސް ބަލިކޮށް ކުޑަ ތާވަލްގެ ހަތަރު ވަނައަށް ޖެހިލި ނިއުކާސަލް ޔުނައިޓަޑް އަށް ޓައިޓަލް ހޯދުމުގެ ރޭހުގައި އުއްމީދު ވަނީ އާކޮށްފައެވެ.
އާސެނަލް އާއި ޓޮޓްނަމް ބައްދަލު ކުރި މެޗުގައި ފުރަތަމަ ލީޑު ނެގީ ޓޮޓްނަމްއިންނެވެ. 25 ވަނަ މިނިޓްގައި ޓޮޓްނަމްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނި ސޮން ހެއުން މިންގް އެވެ. އާސެނަލް ނަތީޖާ އެއްވަރު ކުރީ 40 ވަނަ މިނިޓްގައި ޓޮޓްނަމްގެ ކުޅުންތެރިއަކު ބޮލުން ޖެއްސި ބޯޅައެއް ޑޮމިނިކް ސޮލާންކޭގެ ފައިގައި ޖެހިފައި ބައިކޮޅަށް ވައިން ގޯލާއެކުއެވެ. އޭގެ ހަތަރު މިނިޓްފަހުން އާސެނަލް އަށް ލީޑު ނަގައިދީ މެޗުން މޮޅުކޮށްދިނީ ލުއަންޑްރޯ ޓްރޮސާންޑްއެވެ. އެއި މާޓިން އޮޓެގާޑް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލް އިން ހޯދި މޮޅާއެކު ފާއިތުވި ތިން މެޗުން މޮޅުނުވެވުމުގެ ނުތަނަވަސްކަން އާސެނަލް އިން ވަނީ ފިލުވާލާފައެވެ. ތާވަލްގެ ދެވަނައަށް އާސެނަލް ޖެހިލީ 21 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ޕޮއިންޓްގެ ފަރަގުން އެއްވަނައިގައި އޮތް ލިވަޕޫލް އަތުގައި އެއްމެޗު އަދި ނުކުޅެ އެބައޮތެވެ.
ލީގުގައި ބުދަ ދުވަހު ނިއުކާސަލް އިން ވަނީ ވުލްވްސްގެ މައްޗަށް ކުރިހޯދާ 38 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައަށް ޖެހިލާފައެވެ. އަދި ތިންވަނަ މަޤާމުގައި 41 ޕޮއިންޓާއެކު އޮތް ނޮޓިންގްހަމް ފޮރެސްޓާ އޮތް ފަރަގުވެސް ކުޑަކޮށްފައެވެ.
ނިއުކާސަލް އިން އެންމެ ފަހުން ކުޅުނު 9 މެޗުވެސް އެޓީމު ވަނީ ކާމިޔާބުކޮށްފައެވެ. އެއާއެކު މިވަގުތު ރަނގަޅު ފޯމުގައި އޮތް ކްލަބު ޓައިޓްލް ރޭހަށް އެރުމުގެ އުއްމީދު މިވަނީ ބޮޑުވެފައެވެ.
މެޗުގައި ނިއުކާސަލްގެ ފުރަތަމަ ދެ ގޯލް ކާމިޔާބުކޮށްދިނީ އަލެކްސަންޑާ އިސާކް އެވެ. 34 ވަނަ މިނިޓްގައި ލީޑު ނަގައި ދިނުމަށްފަހު ނިއުކާސަލް އަށް އިސާކް ލީޑު ފުޅާކޮށްދިނީ 57 ވަނަ މިނިޓްގައި ބްރޫނޯ ގުއިމަރޭސް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.
ރޭގެ މެޗުގައި ޖެހި ދެ ގޯލާއެކު އިސާކް ވަނީ ޕްރިމިއަރ ލީގުގައި ނިއުކާސަލްއަށް ވިދިވިދިގެން އަށް މެޗުގައި އެޓީމަށް ގޯލް ޖަހައިދިން ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ.
މެޗުގައި ނިއުކާސަލްގެ ތިންވަނަ ގޯލްވެސް ކާމިޔާބުކުރީ އިސާކް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. 74 ވަނަ މިނިޓްގައިނިއުކާސަލްގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ އެންތަނީ ގޯޑަން އެވެ.
ލީގުގައި ބުދަ ދުވަހު އިތުރު ދެ މެޗެއްވެސް ކުޅެފައި ވެއެވެ. ކްރިސްޓަލް ޕެލަސް އަތުން 2-0 ން ލެސްޓަރ ސިޓީ ބަލިވެފައިވާއިރު އެސްޓަންވިލާއިން އެވަރޓަންގެ މައްޗަށް ކުރިހޯދި 1-0 ގެ ނަތީޖާއަކުންނެވެ.
ރިއެކްޝަންސް