ތިންވުޒާރާގެ މަސައްކަތް ދަރުބާރުގޭގައި ފެށުމަށް ކުރަމުންދާ މަސައްކަތްތަކަށް ރައީސް އިރުޝާދުތައް ދެއްވައިފި
އަލިފާންރޯވެ, ސަރުކާރުގެ ތިން ވުޒާރާއެއް ހިންގި އިމާރާތް ބިމާ ހަމަވުމާ ގުޅިގެން އެތިން ވުޒާރާގެ ޚިދުމަތް ދަރުބާރުގޭގައި ވަގުތީ ގޮދުން ފެށުމަށް ވަމުންދާ ތައްޔާރީ ތަކަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދުތައް ދެއްވައިފިއެވެ.
ދަރުބާރުގޭގައި ތިން ވުޒާރާގެ ޚިދުމަތް ވަގުތީގޮތުން ފެށުމަށް ވަމުންދާ ތައްޔާރީތައް ބައްލަވާލައްވަން ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަނަށް ރޭ ޒިޔާރަތް ކުރައްވާފައެވެ. އަދި މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާ އިރުޝާދުތައް ދެއްވިއެވެ. ދަރުބާރުގޭގައި އެތިން ވުޒާރާގެ ވަޒީރުން ހިމެނޭ ގޮތަށް ގުޅުންހުރި އެހެން ވަޒީރުންނާއެކު ބައްދަލުވުމެއް ބާއްވާ މަޝްވަރާ ކުރައްވާ އިރުޝާދުތައް ދެއްވިއެވެ.
ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ބިމާ ހަމަވީ ގެދިރުވެރިކަމާ ބެހޭ ވުޒާރާއާއި, އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާ ހިންގަމުން އައި އިމާރާތެވެ. މީގެއިތުރުން މާލެ ސިޓީ ކައުންސިލްގެ ސެކްޝަނެއްވެސް އެއިމާރާތުގައި އައީ ހިންގަމުންނެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ތިން ވުޒާރާގެ ޢާއްމު ޚިދުމަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ނަމަވެސް އާދިއްތަ ދުވަހު އަލުން ދަރުބާރުގޭގައި ޚިދުމަތްތައް ފަށަން ދަނީ މަސައްކަތް ކުރަމުންނެވެ. އަލިފާނުގެ ހާދިސާގައި މުހިއްމު ގިނަ ލިޔެކުޔުންތަކެއް ވަނީ ގެއްލިފައެވެ. އެލިޔެކިޔުންތައް ހިމެނޭ ސާވާތައް ރިކަވާ ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު ވިދާޅުވިއެވެ.
ރިއެކްޝަންސް