ގޯލްޑްކަޕް: ދެވަނަ ބުރު ޔަގީންކުރި ފުރަތަމަ ޓީމަކަށް މާލެ ސިޓީ
ނައިންޓީ ޕްލަސް ގޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރު ޔަގީންކުރި ފުރަތަމަ ޓީމަކަށް މާލެ ސިޓީ ވެއްޖެއެވެ. މާލެ ސިޓީ ދެވަނަ ކާމިޔާބުކުރީ ބ.ތުޅާދޫއާ ވާދަކޮށް 5-0 ނެވެ.
މެޗުގައި މާލެ ސިޓީގެ ފުރަތަމަ ލަނޑަކީ މީދޫ ޑިފެންޑަރ ޝަމްވީލް މުޙައްމަދު (ބޮންޑާ) އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ބޮންޑާއަކީ ރ.މީދޫ ކުޅުންތެރިއެކެވެ. ދެވަނަ ޖެހީ މުޙައްމަދު ޔަޒްދާން ހުސެއިން އެވެ. ތިންވަނަ ލަނޑު ޖެހީ އަހުނަފް މުޙައްމަދު ތަސްނީމް އެވެ. ފަހު ދެ ލަނޑު މެޗުގެ ފަހު ފަސް މިނިޓްގެ ތެރޭގައި ޖެހީ މުޙައްމަދު ނާއިލް އެވެ.
މިމޮޅާއެކު މާލެ ސިޓީ ގްރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުވެސް ފަސޭހައިން ކާމިޔާބުކޮށްފައެވެ. އަހުމަދު ނާޒު (އާކޭ) އިރުޝާދުގެ ދަށުން ކުޅޭ މާލެ ސިޓީ ފުރަތަމަ މެޗު ކާމިޔާބުކުރީ ތިމަރަފުށްޓާ ވާދަކޮށް 4-0 ނެވެ. ތުޅާދޫ ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ.
މުބާރާތުގައި ދ.ކުޑަހުވަދޫން ވަނީ ފުރަތަމަ މޮޅު ހޯދާފައެވެ. ފުރަތަމަ މެޗުގައި ފުވައްމުލައް ސިޓީ އަތުން ބަލިވި ކުޑަހުވަދޫ ދެވަނަ މެޗުގައި މޮޅުވީ ފަރެސްމާތޮޑާ އަތުންނެވެ. މެޗު ކުޑަހުވަދޫން ކާމިޔާބުކުރީ 3-0 ނެވެ. ގްރޫޕް އޭގައި ފަރެސްމާތޮޑާ ވަނީ ދެ މެޗުންވެސް ބަލިވެފައެވެ. ދެ މެޗުންވެސް މޮޅުވެ ގްރޫޕްގެ އެއްވަނައިގަ އޮތީ ފުވައްމުލައް ސިޓީއެވެ.
ރިއެކްޝަންސް