ޕްރިމިއަރ ލީގު: އާސެނަލް އާއި ސިޓީވެސް ބަލި, ލިވަޕޫލް އަނެއްކާވެސް ތާވަލްގެ އެއްވަނައަށް
ލިވަޕޫލް އާއި ބްރައިޓަންގެ މެޗުގެ ތެރެއިން. ފޮޓޯ: ޕްރިމިއަރ ލީގު

ޕްރިމިއަރ ލީގު: އާސެނަލް އާއި ސިޓީވެސް ބަލި, ލިވަޕޫލް އަނެއްކާވެސް ތާވަލްގެ އެއްވަނައަށް

19 days ago - 22:47
Nov 2, 2024 - 23:07

އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެމްޕިއަން މެންޗެސްޓަރ ސިޓީއާއި އާސެނަލްވެސް ބަލިވެ, ލިވަޕޫލް އަލުން އެއްވަނަ އަށް ޖެހިލައިފި އެވެ. ހޮނިހިރު ދުވަހު އާސެނަލް ބަލިވީ ނިއުކާސަލް ޔުނައިޓެޑް އަތުންނެވެ. އަދި މެންޗެސްޓަރ ސިޓީ ބަލިވީ ބޯންމައުތު އަތުންނެވެ. އެދެޓީމްގެ ބައްޔާއެކު ހިތްހަމަ ޖެހުން ހޯދީ ލިވަޕޫލެވެ. އެއީ 2-1 ން ބްރައިޓަން ބަލިކޮސްގެންނެވެ. މެޗުން ލިވަޕޫލުން ކާމިޔާބުކުރީވެސް ފަހަތުން އަރައެވެ. 

މެޗުގައި ބްރައިޓަންގެ ހަމައެކަނި ގޯލް 14 ވަނަ މިޓްގައި ކާމިޔާބުކުރީ ފާޑީ ކަޑިއޮގްލޫ އެވެ. ބްރައިޓަންގެ ހާފުގެ 16 ވަރަކަށް ޔާޑު ބޭރުން ފޮނުވާލި ބޯޅަ ގޯލާ އަމާޒުވެ ބައިޓަން އިން ލީޑު ނެގިނަމަވެސް ލިވަޕޫއިން ވަނީ މެޗުގެ ބާކީ ބައިގައި މޮޅަށް ކުޅެފައެވެ.

ލިވަޕޫލްއިން ނަތީޖާ އެއްވަރުކުރި ގޯލް 69 ވަނަ މިނިޓްގައި ކާމިޔާބުކުރީ ކޯޑީ ގަކްޕޯއެވެ. ކެޕްޓަން ވާޖިލް ވެންޑައިކް ތަނަވަސްކޮށްދިން ފުރުޞަތުގައި ވައަތް ފަރާތުން ގަކްޕޯ ނަގައިދިން ހުރަސް އަމާޒުވީ ސީދާ ގޯލާއެވެ. މެޗުން ލިވަޕޫލް މޮޅުވި ގޯލް ކާމިޔާބުކޮށްދިނީ މުޙައްމަދު ޞަލާޙް އެވެ. 72 ވަނަ މިނިޓްގައި ގޯލް އޭރިއާގެ ކަނާތްފަރާތު އަރިމަތިން ކާވްކޮށް ފޮނުވާލި ރީތި ބޯޅައާއެކު މެޗު ނިމުނީ ލިވަޕޫލަށް ކާމިޔާބު ވެގެން ނަމަވެސް, ބްރައިޓަން އިން ވަނީ މެޗުގައި މޮޅުކުޅުމެއް ދައްކާފައެވެ.

Advertisement
Advertisement

މެންޗެސްޓަރ ސިޓީއާއި ބޯންމައުތު ކުޅުނު މެޗުން ސިޓީ ބަލިވީ 1-2 ނެވެ. މެޗުގައި ފުރަތަމަ ދެ ގޯލްވެސް ކާމިޔާބުކުރީ ބޯންމައުތުންނެވެ. މެޗުގެ ފުރަތަމަ ގޯލް 9 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އޮންޓޮއިން ސެމެނީޔޯ އެވެ. 64 ވަނަ މިނިޓްގައި ބޯންމައުތުން އުފެއްދި ނުރައްކާތެރި ހަމަލާއެއްގައި މެޗުން މޮޅުވި ގޯލް ބޯންމައުތުން ކާމިޔާބުކުރީ ފުރަތަމަ ފޯވާޑް އިވަނިލްސަން އެވެ. ދެ ގޯލް ކާމިޔާބުކުރުމުގައިވެސް އެހީތެރިވީ ޑިފެންޑަރު މިލޯސް ކާކެޒްއެވެ.

މެޗުގައި ސިޓިގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ހޮސްކޯ ގުވާޑިއޮލް އެވެ. އިކާ ގުންޑޮގަން ތަނަވަސްކޮށްދިން ފުރުޞަތުގައި ސިޓީގެ ގޯލް ކާމިޔާބުކުރީ މެޗުގެ 82 ވަނަ މިނިޓްގައެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓިގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ދަށް ކުޅުމެކެވެ.

ނިއުކާސަލް އާއި އާސެނަލް ވާދަކުރި މެޗުގައި ފެނުނު ހަމައެކަނި ގޯލް ނިއުކާސަލް އަށް ކާމިޔާބުކޮށްދިނީ އެލެކްސެންޑަރ އިސާކް އެވެ. މެޗުގެ 12 ވަނަ މިނިޓްގައި އިސާކް ބޮލުންޖަހާ ގޯލްގެ ތެރެއަށް ފޮނުވާލީ އޭރިއާގެ ތެރެއަށް އެންތަނީ ގޯޑަން ނަގައިދިން ރީތި ބޯޅައެކެވެ. ފުރަތަމަ ކޮޅު އާސެނަލްއިން ރަނގަޅަށް ކުޅުނު ނަމަވެސް, މެޗުގެ އެހާކުރީކޮޅު ނިއުކާސަލްއިން ލީޑު ނެގުމާއި އެކު އާސެނަލް އަށް ރަނގަޅު ކުޅުމެއް ދައްކަން ދަތިތަކާ ކުރިމަތިވިއެވެ.

ދެވަނަ ހާފުގައި ނިއުކާސަލްގެ ޑިފެންސް ފޫއަޅުވާލަން ކޯޗު މިކޭލް އާޓެޓާ ބައެއް ބަދަލުތައް އާސެނަލް އަށް ގެނައި ނަމަވެސް 90 މިނިޓް ހަމަވިއިރުވެސް އާސެނަލްއަށް ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ބޯޅައެކެވެ. މެޗު ނިމުނީ 0-1 ން ނިއުކާސަލް މޮޅުވެގެންނެވެ.

މި ނަތީޖާ ތަކާއެކު ޕްރިމިއަރ ލީގު ތާވަލްގައި 25 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ލިވަޕޫލްއެވެ. އާ ކޯޗު އާނެ ސްލޮޓްގެ އިރުޝާދުގެ ދަށުން ލިވަޕޫލް ކުޅުނު 15 މެޗުގެ ތެރެއިން 13 މެޗުން ވަނީ މޮޅުވެފައެވެ. ބޯންމައުތް އަތުން ބަލިވެ މެންޗެސްޓަރ ސިޓީ އޮތީ 23 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. ވެސްޓްހެމް ޔުނައިޓަޑްގެ މައްޗަށް ހޮނިހިރު ދުވަހު 0-3 ން ކުރިހޯދި ނޮޓިންގހަމް ފޮރެސްޓް 19 ޕޮއިންޓައެކު ތާވަލްގެ ތިންވަނައިގައި އޮތް އިރު, އެއް ޕޮއިންޓް މަދުކޮށް ހަތަރު ވަނައިގައި އޮތީ އާސެނަލްއެވެ. އެއް މެޗު މަދުކޮށް ކުޅެ އެސްޓަންވިލާ ތާވަލްގެ ފަސްވަނައިގައި އޮތީވެސް އާސެނަލްއާ އެވަރަށް 18 ޕޮއިންޓް ހޯދައިގެންނެވެ. ހޮނިހިރު ދުވަހު އިޕްސްވިޗް ޓައުންއާއި ލެސްޓަރ ސިޓީ ވާދަކުރި މެޗު 1-1 ން ވަނީ އެއްވަރުވެފައެވެ. އެވަރޓަން އަތުން ސައުތަމްޕްޓަން މޮޅުވީ 1-0 ން ނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow