އިންޑޮނީޝިއާގެ އާ ރައީސް 109 މެމްބަރުންގެ ބިޔަ ވަޒީރުންގެ މަޖިލީހެއް އެކުލަވާލައިފި
ހުވާކުރެއްވުމަށްފަހު އާ ރައީސް ޕްރަބޯވޯ ސުބިއާންޓޯ, ފޮޓޯ: ރޮއިޓާސް

އިންޑޮނީޝިއާގެ އާ ރައީސް 109 މެމްބަރުންގެ ބިޔަ ވަޒީރުންގެ މަޖިލީހެއް އެކުލަވާލައިފި

12 hours ago - 21:38
Oct 21, 2024 - 21:42

އާދިއްތަ ދުވަހު އިންޑޮނީޝިއާގެ 8 ވަނަ ރައީސް ކަމުގެ ހުވާ ކުރެއްވި ރައީސް, ޕްރަބޯވޯ ސުބިއާންޓޯގެ ކެބިނެޓް އައްޔަނުކޮށްފިއެވެ.

109 ވަޒީރުންގެ މައްޗަށް ހޯމަ ދުވަހު އެކުލަވާލި މި ބިޔަ ކެބިނެޓަކީ 1966 ގެ ފަހުން އިންޑޮނީޝިއާގައި މިހާބޮޑު ކެބިނެޓެއް އެކުލަވާލި ފުރަތަމަ ފަހަރެވެ. މިވަރުގެ ވަޒީރުންގެ މަޖިލީހެއް އެކުލަވާލީ ރައިސްގެ ވައުދުފުޅާ އެއްގޮތަށް ސަރުކާރު ވަރުގަދަ ކުރުމަށްކަމަށް އާ ރައީސް ވަނީ ވިދާޅުވެފައެވެ. ވަޒީރުންނާއި, ނައިބު ވަޒީރުން އަދި އެޖެންސީ ތަކުގެ ވެރިންނާއެކު "ރަތާއި ހުދުގެ ކެބިނެޓެއް" އެކުލަވާލާފައިވާއިރު މިއީ އިންޑޮނީޝިއާގެ ދިދައިގެ ކުލަތައް ރަމްޒުކޮށްދޭ ގޮތަށް ދީފައިވާ ނަމެކެވެ.

ޕްރަބޯވޯގެ ކުރިން އިންޑޮނީޝިއާގެ ރައީސް ކަމުގައި ހުންނެވި ޖޮކޯ ވިޑޯޑޯގެ ކެބިނެޓްގައި ތިއްބެވީ 34 މިނިސްޓަރުންނެވެ. އެއީ އެޖެންސީތަކުގެ ވެރިންވެސް ހިމެނޭހެނެވެ. 1966 ގެ ފަހުން މިހާ ބޮޑު ކެބިނެޓެއް އިންޑޮނީޝިއާގައި އެކުލަވާލިއިރު މީގެ 58 އަހަރު ކުރިން އޭރުގެ ރައީސް ސުކާނޯ ވަނީ 132 މިނިސްޓަރުންނާއެކު މާސިންގާ ކެބިނެޓެއް އެކުލަވާލާފައެވެ. އެއީ 1965 ގައި ނާކާމިޔާބުވި ބަޣާވާތަށްފަހު އިންޑޮނީޝިއާގެ ސިޔާސީ މަޞްރަޙްވެސް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް އޭގެ މަހެއް ފަހުން 'ވިކޯރާ ކެބިނެޓް 2' ވަނީ އުވާލާފައެވެ.

ޕްރަބޯވޯ ވަނީ މީގެ ކުރިންވެސް ސަރުކާރުގެ ހިންގުން ހަރުދަނާކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެނަލިސްޓުން ދެކޭގޮތުގައި އެވަރުގެ ބޮޑު ކެބިނެޓަކާއެކު ދައުލަތުގެ ބިއުރޮކްރަސީ ބޮޑުވާނެއެވެ. ކެބިނެޓްގައި ކޯލިޝަންގައި ހިމެނޭ ހަތް ޕާޓީއެއްގެ ވަޒީރުން ހިމެނެއެވެ. އެއީ ފެބުރުއަރީ މަހު ބޭއްވި އިންތިޚާބުގައި ޕްރަބޯވޯއަށް ތާއީދުކޮށް އެކުގައި މަސައްކަތް ކުރި ޕާޓީތަކެވެ. 

Advertisement

އާދިއްތަ ދުވަހު ރައީސް އާއެކު 37 އަހަރުގެ ނައިބުރައީސް ޖިބްރާން ރަކަބުމިންގ ރަކާ ވެސް ވަނީ ހުވާ ކުރައްވާފައެވެ. ރަކާއަކީ ސުރަކާޓާގެ ކުރީގެ މޭޔަރު, އަދި އެންމެ ފަހުގެ ރައީސް ވިޑޯޑޯގެ ދަރިފުޅެވެ. ޕްރަބޯވޮ އާއި ވިޑޯޑޯއަކީ ސިޔާސީ މަސްރަޙްގައި ޒަމާންވި ދެ ވާދަވެރިން ނަމަވެސް މިފަހަރުގެ އިންތިޚާބުގައި ވިޑޯޑޯ ތާއީދުކޮށްފައިވަނީ ޕްރަބޯވޯއަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow