މަސްތުވާތަކެއްޗާއި ބަނގުރާ ދައުރުވުން ހުއްޓުވަން ބޮޑު އޮޕަރޭޝަނެއް
މަސްތުވާތަކެއްޗާއި ބަނގުރާ ދައުރުވުން ހުއްޓުވަން ބޮޑު އޮޕަރޭޝަނެއް ފެށުމަށް ފުލުހުން ތައްޔާރުވެއްޖެ
މަސްތުވާތަކެއްޗާ ބަނގުރާ ދައުރުކުރުުން ހުއްޓުވުމަށާއި މާލޭގެ ޓްރެފިކް ބެލެހެއްޓުމަށް ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.
މި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވަނީ ސެންޓްރަލް ޕޮލިސިންގ ކޮމާންޑާއި އޮޕަރޭޝަން ސަޕޯޓް ކޮމާންޑް އަދި ޑްރަގް އެންފޯސްމަންޓްގެ ސީނިއަރ ފުލުހުންނާއެކު ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އިއްޔެ ބޭއްވެވި ބައްދަލުވުމުގައެވެ.
ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި ވަނީ މަސްތުވާތަކެއްޗާއި ބަނގުރާ ދައުރުކުރުން ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކޮށް މުހިންމު ނިންމެވުންތަކެއް ނިންމާފައެވެ.
އެގޮތުން ޑްރަގް އެންފޯސްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހުޅުމާލޭގެ ފަޅުތެރެ ސައުވީސް ގަޑިއިރު މެދުނުކެނޑި ޕެޓްރޯލްކޮށް ބެލެހެއްޓުމަށާއި އަތޮޅުތެރޭގެ ރަށްރަށަށް ލަފާ ފުރާ އުޅަނދުތަކާއި ބަނދަރުކޮށްފައި އޮންނަ އުޅަނދު ފަހަރުން ރަށްރަށަށް ބާލާ ތަކެތި މިހާރަށް ވުރެ ބޮޑަށް ބެލެހެއްޓިގެން ދައުރުކުރެވޭ ތަކެތި ކަމުގައި ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މާލޭގެ ޓްރެފިކް ބެލެއްހެއްޓުމާ ގުޅޭގޮތުން ފުލުހުންގެ ކަމާގުޅުންހުރި ވެރިންނާއެކު ކޮމިޝަނރ މަޝްވަރާކުރެއްވި ކަމަށެވެ.
އެގޮތުން މާލޭގެ މަގުމަތި ބެލެހެއްޓުމާއި ޓްރެފިކް ބެލެހެއްޓުން އިތުރުކުރުމަށްޓަކައި ފުލުހުން އިތުރަށް މަގުތަކަށް ނެރެ ސްކޫލާއި ހޮސްޕިޓަލް އަދި މީހުން އާންމުކޮށް އެއްވެ އުޅޭ ސަރަހައްދުތަކާއި ޓްރެފިކް ތޮއްޖެހޭ ސަރަހައްދުތަކުގެ އާންމު ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށްވެސް ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
ރިއެކްޝަންސް