ރައީސް މުއިއްޒުގެ އދ.ދަތުރުފުޅަށް ޚަރަދުކުރެއްވީ 2.4 މިލިއަން ރުފިޔާ- ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އދ.ގެ ޢާއްމު މަޖިލިހުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅަށް ދައުލަތުން ޚަރަދު ކުރެއްވީ 2 މިލިއަން 4 ލައްކަ ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިސްވެ މިއަދު ޢާއްމުކުރި މައުލޫމާތުގައި ވާގޮތުން މިދިޔަ ސެޕްޓެމްބަރު 20-29 އަށް ކުރެއްވި ދަތުރުފުޅަށް ދިވެހި ސަރުކާރުން ޚަރަދު ކުރެއްވި ފުރިހަމަ އަދަދަކީ 2,455,583.01 ރުފިޔާއެވެ. ރައީސް އޮފީހުން ވިދާޅުވީ މިއީ މިދިޔަ ދައުރުގައި އޭރުގެ ރައީސް އދ.އަށް ކުރެއްވި ދެ ދަތުރުފުޅަށް ހޭދަކުރެއްވި ވަރަށްވުރެވެސް ބޮޑުތަނުން ކުޑަ އަދަދެއް ކަމަށެވެ. މިދިޔަ ސަރުކާރުގައި އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ކުރެއްވި ދެދަތުރުފުޅުގެ ޚަރަދުވެސް ރައީސް އޮފީހުން މިއަދު ވަނީ ޢާއްމުކޮށްފައެވެ.
މިދިޔަ ސަރުކާރުގައި އޭރުގެ ރައީސް އދ.ގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ދެ ފަހަރަށް ބައިވެރިވެވަޑައިގެންނެވި ކަން ފާހަގަކުރައްވާ އެދެ ދަތުރުގެ ޚަރަދުގެ ޖުމްލަ ވަނީ ހިއްސާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޢާއްމުކުރި ހިސާބުތަކުގައި ވަގޮތުން އޭރުގެ ރައީސް ފުރަތަމަ ކުރެއްވި ދަތުރުފުޅަށް ހަތަރު މިލިއަން އެއް ލައްކަ ރުފިޔާ ޚަރަދު ކުރެއްވި އެވެ. އެއީ 2019 ވަނަ އަހަރު 10 ދުވަހަށް ކުރެއްވި ދަތުރުފުޅެކެވެ. އަދި 2021 ވަނަ އަހަރު 12 ދުވަހަށް ކުރެއްވި ދަތުރުފުޅަށް ފަސް މިލިއަން ތިން ލައްކަ ރުފިޔާ ޚަރަދު ކުރެއްވި ކަމަށް ހިސާބުތަކުން ދައްކައެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވީ އދ.ގެ ޢާއްމު މަޖިލިހުގެ 79 ވަނަ ސެޝަންގައެވެ.
ރިއެކްޝަންސް