އަހަރެން ހަނދާނެއް ނުނެތޭނެއެވެ.......!!!
ފަލަސްތީނުގެ ހާލަތު

އަހަރެން ހަނދާނެއް ނުނެތޭނެއެވެ.......!!!

11 days ago - 15:11
Oct 7, 2024 - 15:14

ބައެއްފަހަރު ލިޔާނެ ބަސް ހިތަށްގެންނަން އުނދަގޫވެއެވެ. ކަރުނަތައް ނުހިފެހެއްޓިގެން ހުއްޓާލަންވެސްޖެހެއެވެ. އިޒްރާއިލް އަސްކަރިއްޔާގެ އިންތިހާ އަނިޔާވެރިކަމުގައި ފަލަޞްޠީނުގެ ރައްޔިތުން ތަޙައްމަލު ކުރަމުންދޭ ވޭން ޤަލަމަކުން ބަޔާންކުރުމަކީ ކުޅަދާނަކަމެއް ނޫނެވެ. އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެންދާ ޤަތުލްއާންމަށް އެއް އަހަރުވީއެވެ. ބޯމަތީގައި ހުއްޓިފައި އޮތް ކަޅު ވިލާގަނޑުގެ ކަޅުކަން އިޒްރާއިލްއިން ޣައްޒާއަށް ދޭ ކޮންމެ ހަމަލާއަކާއެކު އިތުރުވެގެން ދެއެވެ.

އިޒްރާއިލްއިން ބުނަމުން އައީ ހަމާސްއިން ޣައްޒާގެ އާންމުން އިންސާނީ ދާފަރާއަކަށް ބޭނުންކުރަމުންދާ ކަމަށެވެ. ނަމަވެސް ހަމާސްގެ ކިބައިގައި އިޒްރާއިލްއަށް ބޮން އެޅޭނެ ޤާބިލްކަމެއް ނެތެވެ. ހަމާސްއަށް އިޒްރާއިލްއިން ފެނެއްވެސް ނުކެނޑޭނެއެވެ. އަދި އިޒްރާއިލް އަށް ކާނާ އާއި ބޭސް އެތެރެކުރެވޭނެ މަގުތައް ބަންދެއްވެސް ނުކުރެވެވޭނެއެވެ. ނަމަވެސް އިޒްރާއިލްއިން ހަމާސް އާ ދެކޮޅަށް ކަމަށްބުނެ މި ހުރިހާކަމެއް ޣައްޒާއަށް ކުރާއިރު އާންމުން އިންސާނީ ދާފަރާއަށް ބޭނުންކުރަނީ އިޒްރާއިލް ނޫން ދެން ކޮންބައެއް ހެއްޔެވެ!

365 ދުވަސް...ހިތުން ފިލައިގެން ނުދާނެ އެތައްހާސް ކަމެއް!

އަހަރެން ހަނދާނެއް ނުނެތޭނެއެވެ.ފަލަޞްޠީނުގެ ބައްޕައެއް އޭނާގެ މަރުވެފައިވާ ދަރިފުޅުގެ ހަށިގަނޑުގެ ބައިތައް ކޮތަޅަކަށް އަޅައިގެން ދިޔަ މަންޒަރު އަހަރެން ހަނދާނެއް ނުނެތޭނެއެވެ. "ފަޖުރު ޤަތުލް' ގައި މަރާލި މީހުންގެ ވީދި ކުދިކުދިވެފައިވާ ހަށިތައް 70ކިލޯ އަދި 35ކިލޯގެ މަގުން ކޮތަޅު ކޮތަޅަށް އަލާފައިހުރި މަންޒަރު އަހަރެން ހަނދާނެއް ނުނެތޭނެއެވެ. މިއީ ތިބާގެ ދަރިފުޅޭ ބުނެ އެ ކޮތަޅު ދިއްކޮށްލި މަންޒަރު ހަނދާނެއް ނުނެތޭނެއެވެ.

އަހަރެން ހަނދާނެއް ނުނެތޭނެއެވެ. އޭނާގެ މުޅި އާއިލާއާއި ދިރިއުޅުން ގެއްލި ދިއުމުންވެސް އަލްޙަމްދުލިالله އޭ ބުނި ފަލަޞްޠީނުގެ އެތައްބައެއްގެ މަތިން އަހަރެން ހަނދާނެއް ނުނެތޭނެއެވެ. ބިމާހަމަވެފައިވާ ގެއަށް ބަލަހައްޓައިގެން ހުރެ "އަހަރެން މި ގެ ހަދަން 40 އަހަރު ހޭދަކުރީމޭ' ބުނި ބޭބެގެ މަތިން އަހަރެން ހަނދާނެއް ނުނެތޭނެއެވެ.

އަހަރެން ހަނދާނެއް ނުނެތޭނެއެވެ. އެމަންމަގެ ހަމައެކަނި ފިރިހެންދަރިފުޅުގެ މަރަށްފަހު ލެއިންކަޅިވެފައިވާ އޭނާގެ ދެއަތް ދޮންނަން އިންކާރުކުރި އެމަންމަގެ ދެއަތްތިލަ މަތިން އަހަރެން ހަނދާނެއް ނުނެތޭނެއެވެ. އެދަރިފުޅަކީ އެމަންމަގެ ބާކީ ހުރި ހަމައެކަނި ފުރާނައެވެ. މައިންބަފައިންގެ ހަށިގަނޑުގެ ބައިތައް ލެއާއެކު މަގުމަތިން އެއްކޮށް ކޮތަޅަކަށް އަޅަން އޮތް ކުޑަ ފިރިހެން ކުއްޖާގެ މަތިން އަހަރެން ހަނދާނެއް ނުނެތޭނެއެވެ.

އަހަރެން ހަނދާނެއް ނުނެތޭނެއެވެ. އާއިލާއާއެކު ކާރެއްގެތެރޭގައި އިޒްރާއިލްގެ ބުލްޑޯޒަރުތަކުގެ މެދުގައި ތާށިވެ އެހީއަށް އެދި ހިންދު ރަޖަބް ކުރި ފޯން ކޯލްގެ އަހަރެން ހަނދާނެއް ނުނެތޭނެއެވެ. އެވޭނީ އަޑު ހަނދާނެއްނުނެތޭނެއެއެވ. އެތައް ގަޑިއިރެއްފަހުން އެހީދޭ މީހުން އެހިސާބަށް ފޯރިއިރު 333 ވަޒަން އަރާފައިވާ ކާރުގެތެރޭގައި އާއިލާގެ މީހުންނާއެކު މަރުވެފައި އޮތް ހިންދުމަތިން އަހަރެން ހަނދާނެއް ނުނެތޭނެއެވެ. ވީދިފައިވާ ޞިދްރާގެ ހަށިގަނޑުގެ ބައިތައް ފާރުގައި އެލުވިފައި އޮތްގޮތް އަހަރެން ހަނދާނެއް ނުނެތޭނެއެވެ. އަދި ހުދުކުލައިގެ ކުޑަ ދެބޫޓުކިބަ ލެއިން ކަޅިވެފައި އޮތް މަންޒަރު އަހަރެން ހަނދާނެއް ނުނެތޭނެއެވެ.

އަހަރެން ހަނދާނެއް ނުނެތޭނެއެވެ. އައިސްކްރީމް ޓްރަކެއްފުރާ އުފުލި މަރުވެފައިވާ ހަށިތަކުގެ މަތިން އަހަރެން ހަނދާނެއް ނުނެތޭނެއެވެ. ކާކުކަން ނޭނގޭވަރަށް ހަލާކުވެގައިވާ އެތައްސަތޭކަ ހަށިތައް ބަރާކޯށްފައިވާ ޓްރަކްތައް އައުމާއެކު އާއިލާމީހުން ދެނެގަނެވޭތޯ ޣައްޒާގެ ރައްޔިތުން އެއުޅޭ އުޅުން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ.އަހަރެން ހަނދާނެއް ނުނެތޭނެ އެވެ. ޣައްޒާގެ މަގުތައްމަތީގައި މަރުވެ ވަޅުނުލެވިފައިވާ ހަށިތައް ކަށީގެ އޮނިގަނޑުތަކަށްވެފައި އޮތް މަންޒަރުތަކާއި ބޮލުގެ ނާށިގަނޑުތައް ލެއާއެކު ހިކިފައިވާ މަންޒަރު އަހަރެން ހަނދާނެއް ނުނެތޭނެއެވެ.

އަހަރެން ހަނދާނެއް ނުނެތޭނެއެވެ. "އަހަރެންގެ ދަރިން މަރުވެ ދިޔައީ ކާއެއްޗެއް ނުލިބި ހައިހޫނު ކަމުގައޭ" ބުނި މަންމަގެ ވޭނީ ބަސްތަކުގެ އަޑު އަހަރެން ހަނދާނެއް ނުނެތޭނެއެވެ. އިމާރާތްތަކުގެ ދަށުން އަހަރެންގެ މަންމަގެ ހަށިގަނޑު ފާހަގަކުރަން އެނގުނީ އެމަންމަގެ އިސްތަށިގަނޑުން ކަމުގައި ބުނި ކުޑަ އަންހެން ކުއްޖާގެ މަތިން އަހަރެން ހަނދާނެއް ނުނެތޭނެއެވެ.

އަހަރެން ހަނދާނެއްނުނެތޭނެއެވެ. ބުޅި އިސްތަށިގަނޑެއްގެ ވެރި ކުޑަކުޑަ ޔޫސުފް ބިރުން ވިރިވިރި އިން މަންޒަރު އަހަރެން ހަނދާނެއް ނުނެތޭނެއެވެ. އިމާރާތްތަކުގެ ދަށުން ޣައްޒާގެ ފޮޓޯ ނޫސްވެރިޔާ މޮތާޒް އަޒައިޒާ ކުޑަ ދެ އަންހެން ކުދިން ސަލާމަތްކޮށްގެން ދިޔަ މަންޒަރު އަހަރެން ހަނދާނެއް ނުނެތޭނެއެވެ. އަލް ޖަޒީރާގެ ނޫސްވެރިޔާ ވައެލް ދަދޯޙްގެ އަންހެނުންނާއި ހުރިހާ ކުރިން އިޒްރާއިލް އިން މަރާލުމުން ޖަނާޒާއަށްފަހު ވަގުތުން "މިއީ އަހަރެންގެ ޒިންމާ އޭ ބުނެ" އެނބުރި މަސައްކަތަށް ދިޔަގޮތް އަހަރެން ހަނދާނެއް ނުނެތޭނެއެވެ. އަހަރެން މީ ޣައްޒާގެ ބިސާން އޭ, އަހަރެން އަދި ދިރިއެބަހުރީމޭ ބުނެ ފަލަޞްޠީނުގެ ނޫސްވެރިޔާޣައްޒާގައި އިޒްރާއިލްއިން ހިންގަމުންދިޔަ އަނިޔާވެރި މަންޒަރުތައް ދުރަށް ފޮނުވި ޑޮކިއުމެންޓްރީގެ މަތިން އަހަރެން ހަނދާނެއް ނުނެތޭނެއެވެ.

އަހަރެން ހަނދާނެއް ނުނެތޭނެއެވެ. އެމެރިކާއިން ހަތަރު ފަހަރު ޣައްޒާއަށް ދެމުންދާހަމާލައް ހުއްޓާލަން ހުށަހެޅި ގަރާރު ވީޓޯ ކުރަން އުފުލި އަތް އަހަރެން ހަނދާނެއް ނުނެތޭނެއެވެ. އިނގިރޭސި ވިލާތް, ޖަރުމަނުވިލާތް,ފަރަންސޭސި ވިލާތް އަދި ކެނަޑާއިން އިންސާނީ ޙައްގުތައް ފައިދަށުލާ ޤަތުލްއާންމު ދިފާއުކުރިކުރުން އަހަރެން ހަނދާނެއް ނުނެތޭނެއެވެ. ޣައްޒާއިން ލޭއޮހޮރެމުން ދިޔައިރު ޔޫއޭއީން ހެލޮވީން ފާހަގަކުރި ގޮތާއި ސައުދީން މިއުޒިކް ފެސްޓިވަލް ބާއްވާ އުފާ ފާޅުކުރި ގޮތް އަހަރެން ހަނދާނެއް ނުނެތޭނެއެވެ.

އަހަރެން ހަނދާނެއް ނުނެތޭނެއެވެ. އަހަރެމެން ފަލަޞްޠީނުގެ ރައްޔިތުންނަށް ވީ ޙިޔާނާތް އަހަރެން ހަނާދެއްނުނެތޭނެއެވެ. އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންދާ ޤާތުލުއާންމު އަދި ނަސްލު ނައްތާލުމުގެ ޖަރީމާ އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އެހެން ނަމަވެސް, މާތްالله އިރާދަފުޅާއެކު އުރުދުން ކޯރުން, މެޑިޓެރޭނިއަން ކަނޑާހަމައަށް ފަލަޞްޠީން އަދި މިނިވަންވާނެއެވެ

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow