ސިޓީ ސަލާމަތްކޮށްދިނީ ޖޯން ސްޓޯންސް, ހާލަންޑްގެ 100 ވަނަ ގޯލް
މެޗު އެއްވަރުވީ 2-2 ން
މި ސީޒަންގެ ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ އާސެނަލް އިން ހުއްޓުވައިފިއެވެ. އާދިއްތަ ދުވަހު މެންޗެސްޓަރ ސިޓީ އާއި އާސެނަލް ބައްދަލުކުރި މެޗު ނިމުނީ 98 ވަނަ މިނިޓްގައި ޖޯން ސްޓޯންސް ކާމިޔާބު ކުރި ގޯލާއެކު 2-2 ން އެއްވަރުވެގެންނެވެ.
މެޗުގެ ފަހު ހާފުން ފެށިގެން އާސެނަލް އިން ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ. އެއީ ސިޓީގެ ސަވީނިއޯއަށް މެޗުގެ 34 ވަނަ މިނިޓްގައި ލެއަންޑްރޯ ޓްރޮސާޑް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީނދޫ ކާޑެއް ދައްކާފައިވަނިކޮށް, އިތުރު ރީނދޫކާޑަކާއެކު ރަތްކާޑެއް ދެއްކުމުންނެވެ.
މެޗުގެ ފުރަތަމަ ގޯލް 9 ވަނަ މިނިޓްގައި ސިޓީއަށް ކާމިޔާބުކޮށްދިނީ އާލިން ހާލަންޑް އެވެ. މިއީ ސިޓީއަށް އޭނާ ކާމިޔާބުކޮށްދިން 100 ވަނަ ގޯލެވެ. މިއާއެކު ހާލަންޑް ވަނީ ޔޫރަޕްގެ ކްލަބަކަށް އެންމެ އަވަހަށް 100 ގޯލް ކާމިޔާބުކޮށްފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑާ އެއްވަރުކޮށްފައެވެ. މިއީ ސިޓީއަށް ހާލަންޑް ކުޅެދިން 105 ވަނަ މެޗެވެ. 2011 ވަނަ އަހަރު ރޮނާލްޑޯ މި ރެކޯޑް ގާއިމްކުރީވެސް ރެއާލް މެޑްރިޑް އަށް އޭނާ ކުޅެދިން 105 ވަނަ މެޗުގައެވެ.
މެޗުގެ 22 ވަނަ މިނިޓްގައި އާސެނަލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ އިޓަލީގެ ފޯވާޑް ރިކާޑޯ ކަލަފިއޯރީ އެވެ. އެއީ ގެބްރިއެލް މާޓިނެއްލީ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.
ފުރަތަމަ ހާފުގެ އިތުރުވަގުތުގައި އާސެނަލް އަށް ލީޑު ނަގައިދިނީ ގެބްރިއެލް މަގާލިއެޝް އެވެ. ބުކާޔޯ ސަކާ ނަގައިދިން ކޯނަރު ބޮލުން ފޮނުވާލައިގެން މި ގޯލް ކާމިޔާބުކޮށްދިނީ އިތުރުވަގުތުގެ ފުރަތަމަ މިނިޓްގައެވެ. 1-2 ގެ ނަތީޖާއަކުން ކުރީގައި އޮވެ އާސެނަލްއިން ފަހު ހާފު ފެށީ 10 ކުޅުންތެރިންނާއެކުއެވެ.
ދެވަނަ ހާފުގައި މެޗު ޑޮމިނޭޓްކޮށް ސިޓީން އިތުރު ގޯލެއް ކާމިޔާބު ކުރެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައެވެ. ސީދާ ގޯލާ އަމާޒުކޮށް ނުރައްކާތެރި އެތައް ހަމަލާއެއް ފޮނުވާލި ނަމަވެސް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފައެވެ.
މެޗުގެ އިތުރު ވަގުތުގެ 8 ވަނަ މިނިޓްގައި އާސެނަލްގެ ގޯލް ފޫއަޅުވާލާ ސިޓީ ސަލާމަތްކޮށްދިނީ 78 ވަނަ މިނިޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުއިން ޑިފެންޑަރު ޖޯން ސްޓޯންސް އެވެ.
ލީގުގައި ކޮންމެ ޓީމެއްވެސް ފަސް މެޗު ކުޅެފައި ވާއިރު ތާވަލްގެ އެއްވަނައިގައި 13 ޕޮއިންޓާއެކު އޮތީ މެންޗެސްޓަރ ސިޓީއެވެ. 12 ޕޮއިންޓައެކު ދެވަނައިގައި އޮތީ ލިވަޕޫލްއެވެ.
ރިއެކްޝަންސް