ޕީޖީގެ މަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ރުހުން އައްބާސް ޝަރީފަށް ދީފި
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި އައްބާސް ޝަރީފަށް ރައްޔިތުންގެ މަޖިލިހުން ރުހުން ދީފި އެވެ.
ހައިކޯޓްގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް ޕީޖީގެ މަގާމަށް އައްޔަން ކުރަން ފެންކަމަށް މަޖިލިހުން ފާސްކުރީ މެމްބަރުންގެ އިއްތިފާގުންނެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވި 85 މެމްބަރުންވެސް އައްބާސް ޝަރީފަށް ރުހުން އޮތްކަމަށް ވޯޓް ދެއްވިއެވެ.
އައްބާސް ޝަރީފް ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމަށް އޭނާގެ ނަން ޖުޑިޝަރީ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު މިއަދު މަޖިލުހުގެ ތަޅުމަށް ހުށަހެޅި ރިޕޯރޓްގައި ބުނެފައި ވަނީ އެމަގާމަށް އައްބާސް ޝަރީފްގެ ޝަރުތު ހަމަވާ ކަމަށެވެ. ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރު މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވީ ޕީޖީގެ މަޤާމަށް އައްބާސް ޝަރީފްގެ ޝަރުތު ހަމަވޭތޯ ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އަދި ޢާއްމުންގެ އެއްވެސް ޝަކުވާއެއްވެސް ލިބިފައި ނުވާ ކަމަށެވެ. ކޮމިޓީ މެމްބަރުންގެ ފަރާތުން އައްބާސް ޝަރީފަށް %93.91 މާރކްސް ދެއްވި ކަމަށް ހުސްނީ މުބާރަކް ވިދާޅުވިއެވެ.
ޕީޖީގެ މަގާމަށް އައްބާސް ޝަރީފް އައްޔަން ކުރައްވަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރީ މިއަދު ބޭއްވި ދައުރުން ބޭރު ތިންވަނަ ޖަލްސާގައެވެ. ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މަޖިލިހަށް ފޮނުއްވީވެސް އައްބާސް ޝަރީފްގެ ނަން އެކަންޏެވެ.
ޕީޖީގެ މަގާމް ހުސްވީ ކުރިން އެމަގާމްގައި ހުންނެވި ހުސައިން ޝަމީމްގެ އިތުބާރު ނެތްކަމަށް ޕީއެންސީގެ މެމްބަރުން ހުށަހަޅުއްވާ ފާސްކުރުމުންނެވެ. ނަމަވެސް އިތުބާރު ނެތްކަމަށް ފާސްކުރުމުގެ ކުރިން ޝަމީމް އިސްތިއުފާ ދެއްވިކަން އިއުލާނުކުރެއްވިއެވެ. އިތުބާރު ނެތްކަމުގެ ވޯޓް ނެގީ އިސްތިއުފާ ދެއްވިކަން މަޖިލިހަށް އަންގާފައި ނުވާތީ އެވެ.
އަލްއުސްތާޛު އައްބާސް ޝަރީފް މިވަގުތު ހުންނެވީ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓްރީ އެފެއާޒްގެ މަގާމްގައެވެ. އެއީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.
ރިއެކްޝަންސް