ދިވެހިންގެ ބޭންކުން ބޮޑު ނިންމުން ނިންމިއިރު އެންމެ ޒިންމާދާރު މަގާމް ތަކުގައި ތިއްބެވި ތިން ބޭފުޅަކު ރާއްޖޭގައި ނެތް!
ދިވެހިންގެ ބޭންކުން ބޮޑު ނިންމުން ނިންމިއިރު އެންމެ ޒިންމާދާރު މަގާމް ތަކުގައި ތިއްބެވި ތިން ބޭފުޅަކު ރާއްޖޭގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބުރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ކުންފުނީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ބޭންކުން ބޮޑު ނިންމެވުމެއް ނިންމި އިރު އެންމެ ޒިންމާދާރު މަގާމްތަކުގައި ތިއްބެވި ތިން ބޭފުޅަކު ރާއްޖޭގައި ނެތް ކަމަށެވެ. އެއީ އޮޕަރޭޝަންސް ޑިރެކްޓަރާއި, ކްރެޑިޓް ކޮންޓްރޯލް މެނޭޖަރާއި, އަދި ރިސްކް މެނޭޖަރެވެ. ނާޒިމް ވިދާޅުވީ އެއީ ބޮޑު މުސާރަ ލިބޭ ރާއްޖެއިން ބޭތުގެ ބޭފުޅުން ކަމަށެވެ. އެއިން ކޮންމެ މީހެއްގެ މުސާރައަކީ 15000 ޑޮލަރު ކަން ނާޒިމް ފާހަގަކުރެއްވިއެވެ.
ނާޒިމް އިޝާރާތް ކުރެއްވީ ރުފިޔާ އެކައުންޓުން ޑޮލަރުގެ މުއާމަލާތް އެއްގޮތަކަށްވެސް ނުކުރެވޭ ގޮތަށް މިދިޔަ މަހު ބީއެމްއެލް އިން ނިންމި ނިންމެވުމަށެވެ. ސަރުކާރުން އަންގައިގެން ބޭންކުން ފަހުން އެނިންމުން ބަދަލުކުރިއެވެ.
ނާޒިމް ވިދާޅުވީ ޕީސީބީންވެސް އަދި ފައިނޭންސް މިނިސްޓަރުވެސް ދައލަތުގެ ހިއްސާތަކުގެ ބެލެނިވެރި ފަރާތް ކަމުގައި ވާތީ ކުންފުނިތަކުގެ ކަންތައްތައް ދުވަހުން ދުވަހަށް ހިނގާގޮތް ވަރަށް ރަނގަޅަށް ބައްލަވަން އެބަޖެހޭ ކަމަށެވެ.
" ފަނަރަ ހާސް ޑޮލަރުގެ މުސާރައަކީ ކުޑަ މުސާރައެއް ނޫން. އަޅުގަނޑުމެން މިމަގާމްތަކަށް ދިވެހިން ލެވޭތޯ އެބަޖެހޭ ބަލަން. އަޅުގަނޑުމެންގެ ބޭންކް އަޅުގަނޑުމެންގެ އެއްވެސް ކޮންޓްރޯލެއް ނެތި މިގޮތަށް ހިނގަމުންދާ ކަމަށް ވަންޏާ އަޅުގަނޑު ދަންނަވާނީ އެދުވަހު ދިމާވި ކަންތަކަށްވުރެ ސީރިއަސް ކަންތައް ކުރިއަށް އޮތްތަނުގައި ދިމާވުމަކީ އެކަށީގެންވާ ކަމެކޭ." ނާޒިމް ވިދާޅުވިއެވެ.
ކުންފުނިތަކުގެ ޤާނޫނަށް ހުށަހެޅި އިސްލާހުގެ މުހިއްމުކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ބޯޑްގެ މެމްބަރުން ނެތިގެން ޖަލްސާ ނުބޭއްވޭ ހާލަތުގައި ނޯޓިސްގެ މުއްދަތު ކުރުކޮށް ގާނޫނުން އެކަމަށް މަގު ފަހިކޮށްދިނީމާ, ދިމާވާ މައްސަލަތައް ހައްލުކުރަން އިތުރަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ނާޒިމް ވަނީ ބީއެމްއެލްގެ އަހަރީ ޢާއްމު ޖަލްސާ ބާއްވަން އިއުލާނުކޮށްފައި ވަނިކޮށް, ސީއީއޯ އިސްތިއުފާ ދެއްވިކަންވެސް ފާހަގަކުރައްވާފައެވެ. އަލުން ސީއީއޯއެއް އައްޔަން ކުރުމަށްވެސް ޢާއްމު ބައްދަލުވުން އަވަހަށް ބާއްވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް