މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ޓްރެފިކްކޮށް ސްމަގުލްކުރި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ނަޒްމުލް ޙައްޤު ކިޔާ މީހެކެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. އެހެންކަމުން އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މި ހިނގާ މަހުގެ 27 ވަނަ ދުވަހަށެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާ ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހަޅާފައި ވާތީއެވެ. އެގޮތުން، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މައްސަލަ ހުށަހަޅާ ފޯމާއި، ކޮންޓްރޯލް ޑެލިވަރީ ހިންގުމުގެ ހުއްދައާއި، ކުށުގެ ވެއްޓަށް (ސީންއަށް) ދިޔަ ފުލުސް އޮފިސަރުގެ ބަޔާން ކޯޓަށް ވަނީ ހުށަހަޅާފައެވެ. މީގެއިތުރުން، އޭނާގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާ ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ފުލުހުން މި ތުހުމަތުތައް އޭނާގެ މައްޗަށް ކުރި ނަމަވެސް، ކޯޓުގައި އޭނާ ވަނީ މި ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައި ކަމަށްވެސް ކޯޓު އަމުރުގައި ވެއެވެ.
މި މައްސަލަ ފުލުހުންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.
ރިއެކްޝަންސް





