ތިނަދޫ ކައުންސިލްގެ ރައީސްކަމުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަޤާމު ހުސްވުމާ ގުޅިގެން، އެ މަޤާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ. މި ބައި-އިލެކްޝަން އަންނަ ނޮވެމްބަރު 28 ވާ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އީސީން ކޮށްފައިވާ އިޢުލާނުގައިވާ ގޮތުގައި، މި އިންތިޚާބުގައި ވާދަކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 26 ވާ ދުވަހުގެ މެންދުރުފަހު 2:00 އެވެ.
ތިނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ހުސްވެފައިވަނީ، އެ މަޤާމުގައި ހުންނެވި ޢަލީ ޝުޖާޢު ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކުރެއްވުމާ ގުޅިގެން ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ޖުލައި 19 ގައި ކަނޑައެޅުމާ ގުޅިގެންނެވެ.
ޝުޖާޢު ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ނަމަވެސް، ފަހުން އޭނާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރެއްވިއެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ ކައުންސިލަރަކު އެ ދައުރުގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ އެ މީހެއްގެ ގޮނޑި ގެއްލޭނެއެވެ.
މި މައްސަލައިގައި އެލްޖީއޭގެ ބޯޑުން ޖޫން 30 ގައި ބޭއްވި ބައްދަލުވުމުގައި ޝުޖާޢުގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމައި، އެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވެއެވެ. އެލްޖީއޭއިން މި ނިންމުން ނިންމުމުގެ ކުރިން، ޖޫން މަހުން ފެށިގެން ޝުޖާޢު ހުންނެވީ ސަސްޕެންޝަނުގައެވެ. އަދި އެ މުއްދަތުގައި ކައުންސިލް ހިންގުން ވަގުތީގޮތުން ހަވާލުކޮށްފައި އޮތީ ކައުންސިލްގެ ނައިބު ރައީސާއެވެ.
މި މައްސަލައާ ގުޅިގެން މީގެކުރިން ޝުޖާޢު ވިދާޅުވެފައިވަނީ، އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ ދަ ޑިމޮކްރެޓްސް އުވާލާފައިވާ ކަމަށް އީސީން އެ ޕާޓީގެ ލީޑަޝިޕަށް އެޕްރީލް 23 ގައި އެންގުމުން ކަމަށެވެ. އަދި އޭނާ ޑިމޮކްރެޓްސްގެ ޓިކެޓުގައި އިންތިޚާބުވި ނަމަވެސް، މޭ މަހު މަޤާމުގެ ހުވާކުރެއްވުމުގެ ކުރިން އީސީން އެ ޕާޓީ އުވާލާފައިވާތީ، އޭނާގެ މި ނިންމުމަކީ ހިނގަމުންދިޔަ ޕާޓީއެއް ދޫކޮށް އެހެން ޕާޓީއަކަށް ބަދަލުވުން ކަމުގައި ނުބެލެވޭނެ ކަމަށް ޝުޖާޢު ވިދާޅުވެފައިވެއެވެ.
ރިއެކްޝަންސް

