ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ވެރިފިކޭޝަން ނިޒާމެއް ގާއިމުކުރުމަށް ކަސްޓަމްސް އާއި ބޭންކުތަކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ވެރިފިކޭޝަން ނިޒާމެއް ގާއިމުކުރުމަށް ކަސްޓަމްސް އާއި ބޭންކުތަކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

1 hour ago - 22:42
Advertisement
Advertisement

ރާއްޖެއަށް ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ވެރިފިކޭޝަން ނިޒާމެއް ގާއިމުކުރުމުގެ ގޮތުން، ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު މިއަދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ކަސްޓަމްސްއިން ވަނީ ރާއްޖޭގައި ހިންގަމުންދާ 7 ބޭންކަކާއެކު ޓީޓީ ވެރިފިކޭޝަނާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ކަސްޓަމްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ. އަދި ބޭންކުތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުތަކުގެ ސީއީއޯއިންނާއި މެނޭޖިންގ ޑައިރެކްޓަރުންނެވެ.


މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް އިމްޕޯޓުކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓުކުރާ މުދަލާ ގުޅޭގޮތުން ބޭންކުތައް މެދުވެރިކޮށް ހިންގާ ވިޔަފާރި މުޢާމަލާތްތަކުގެ މައުލޫމާތު، ބޭންކުތަކާއި ކަސްޓަމްސްއާ ދެމެދު ބަދަލުކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ.


މީގެއިތުރުން، މުދާ އެތެރެކުރުމަށް ޓީޓީ މެދުވެރިކޮށް ކުރާ ފައިސާގެ މުޢާމަލާތްތަކާއި އެތެރެކުރެވޭ މުދަލުގެ މަޢުލޫމާތު ދިމާވޭތޯ ބެލުމުގެ ނިޒާމު ހަރުދަނާކޮށް، ވިޔަފާރިއާ ގުޅުންހުރި މާލީ މުޢާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަކީވެސް މި އެއްބަސްވުމުގެ މުހިންމު މަގުސަދެކެވެ. މި މަސައްކަތްތައް ވިލަރެސްކުރާނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.


ޒަރޫރީ މުދަލަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް އެއްބަސްވުމެއް އެކުލަވާލާފައިވާއިރު، ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމަށާއި ބޭރު ފައިސާގެ ބާޒާރަށް ލުޔެއް ހޯދައިދިނުމަށްޓަކައި، ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު ތިން ހަފްތާގެ މުއްދަތަށް އިތުރުކުރުމަށް މި މަހުގެ 11 ވަނަ ދުވަހު އެމްއެމްއޭއިން ވަނީ ނިންމާފައެވެ.


ރާއްޖޭގެ ބޭންކިންގ ސިނާޢަތް ކުރިއަރުވައި އިސްލާހީ ބަދަލުތައް ގެނައުމަށް އެމްއެމްއޭއިން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އެތެރޭގެ ބޭންކުތައް އިތުރުކޮށް، މާލީ ނިޒާމުގެ ތެރޭގައި އާމްދަނީ ދައުރުވާ މިންވަރު އިތުރުކުރުމަށާއި، ރާއްޖޭގެ އެތެރޭގެ މާލީ މުޢާމަލާތްތައް ދިވެހި ރުފިޔާއިން ކުރާ ގޮތަށް ހެދުމުގެ މަސައްކަތްތައް އަންނަނީ ކުރެވެމުންނެވެ. އަދި ރިސޯޓުތަކާއި ގެސްޓްހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އެ އާމްދަނީގެ %40 ކޮންމެ މަހަކު ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement