މިއީ ދިވެހިން އާދަޔާ ޚިލާފު ހިތްވަރެއް ދެއްކި ދުވަހެއް
މިއީ ދިވެހިން އާދަޔާ ޚިލާފު ހިތްވަރެއް ދެއްކި ދުވަހެއް
މިއީ ދިވެހިން އާދަޔާ ޚިލާފު ހިތްވަރެއް ދެއްކި ދުވަހެއް، މި ދުވަސް ފާހަގަކުރަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހެއް ގޮތުގައެވެ.
ސުނާމީ ކާރިސާއަށް މިއަދު 19 އަހަރު ފުރޭއިރު، އެ ދުވަހުގެ އެ ބިރުވެރި މަންޒަރުތަކާއި އަޑުތައް އިއްޔެވީކަމެއްހެން ދިވެހިންގެ ހަނދާނުގައި އަދިވެސް އެބަހުއްޓެވެ.
2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިއާގެ ސުމަޓްރާގެ ކަނޑު އަޑިއަށް އައި ރިކްޓަރ މިންގަނޑުން 9.1 ގެ ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ގުޑުންތައް 8 މިނިޓާއި 10 މިނިޓާއި ދެމެދަށް ދެމިގެން ދިޔައެވެ.
މި ބިންހެލުމުގައި މުޅި ދުނިޔެ ވައިބްރޭޓްވިއެވެ. އެހާތަނަށް ވެސް ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް ސުނާމީ އަކީ ކޮބައިކަން އެނގިފައި ނުވާތީ، އެތައް ބަޔަކު ތިބީ ވާނުވާގޮތެއް ނޭނގިފައެވެ.
މި ބިރުވެރި ކާރިޘާގައި ދިވެހިންގެ ތެރެއިން 82 މީހަކު ނިޔާވެ، 26 މީހަކު ވަނީ ގެއްލިފައެވެ. 23 ރަށަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، އޭގެ ތެރެއިން 4 ރަށެއް އެއްކޮށް ސުންނާފަތިވިއެވެ. 15000 މީހުންގެ ގެދޮރުގެއްލި، 13 ރަށަކުން މީހުން ހުސްކޮށް، އެހެން ރަށްރަށަށް ބަދަލުކުރަން ޖެހުނެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ސުނާމީގެ އަސަރު ކުރިއެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތުން އާރާސްތުކުރި މުޅި ދިރިއުޅުން ބަލަބަލަ ތިއްބައި ސުނާމީގެ ބިޔަ ރާޅުގެ ތެރޭގައި ސުންނާފަތިވެ މުޅި ދިރިއުޅުން އަލުން ފަށަން އެތައް އާއިލާއަކަށް މަޖުބޫރުވިއެވެ.
ޢުމްރާނީ އެތައް ވަޞީލަތްތަކެއް ބިމާ ހަމަވެ، އިޤްތިޞާދީގޮތުންވެސް ޤައުމަށް ފޫނުބެދޭވަރުގެ ގެއްލުންތަކެއް ލިބުނެވެ.
ތަރައްޤީގައި އެތައް އަހަރެއް ފަހަތައްޖެހި، މުޅި ޤައުމު އެއްކޮށް ހުއްޓުމަކަށް އައެވެ.
ނަމަވެސް ސުންނާފަތިވެފައިވާ ގޭގެއާއި، އެހީބޭނުންވާ މީހުންނަށް އެހީތެރިވާންފެށީ މަޖުބޫރުކަމެއްނެތި ހިތުންރުހުމުންނެވެ.
މިއަދު މި ދުވަހުގެ ހަންދާން އަޅުގަނޑުމެން މި އާކުރަނީ ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ރީތި ނަމޫނާގެ ހަނދާން އާކުރަމުންނެވެ.
ސުނާމީ ކާރިސާގައި ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމުގެ ރީތި ނަމޫނާ ފާހަގަކޮށް، އެހަނދާން އާކުރުމުގެ ގޮތުން 2005ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.
ރިއެކްޝަންސް