ރާއްޖެއާއި ތުރުކީވިލާތުގެ ދެމެދުގައި ވެވުނު ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވަކި ބާވަތްތަކަކުން ޑިއުޓީ މާފުކުރުމަށް ސޮއިކޮށްފައިވާ "މޯލްޑިވްސް-ތުރުކިޔޭ ޕްރިފަރެންޝިއަލް ޓްރޭޑް އެގްރިމެންޓް" އަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.
މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތުރުކީވިލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންއާއެކު ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެކެވެ. ދެ ޤައުމުން ފުރިހަމަކުރަންޖެހޭ ޤާނޫނީ އިޖުރާޢަތުތައް ފުރިހަމަކޮށް، ފައިނަލް ނޯޓިފިކޭޝަން ބަދަލުކުރުމަށްފަހު، މި އެއްބަސްވުމަށް އަމަލުކުރަން ފެށީ ދެފަރާތުން އެއްބަސްވެފައިވާ ތާރީޚު ކަމަށްވާ 1 އޮގަސްޓު 2026 އިން ފެށިގެންނެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން 75 ބާވަތަކުން ޑިއުޓީ މާފުވެ ނުވަތަ ކުޑަވެގެންދާނެއެވެ. މީގެ ތެރޭގައި ދިވެހި ކަނޑުމަހުގެ ބާވަތްތައް ހިމެނޭއިރު، މީގެ ސަބަބުން 85 މިލިއަން މީހުންގެ ބޮޑު މާކެޓެއް ދިވެހި މަސްވެރިކަމުގެ ސިނާޢަތަށް ހުޅުވިގެންދާނެއެވެ.
މީގެ އިތުރުން، މި އެއްބަސްވުމުގެ ސަބަބުން ތުރުކީވިލާތުން އަސާސީ ކާބޯތަކެއްޗާއި އެކި ބާވަތްތަކުގެ މުދާ އެތެރެކުރުމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. މިއީ ރާއްޖެއަށް މުދާ އެތެރެކުރާ މާކެޓުތައް އިތުރުވެ، ތަކެތީގެ އަގު ހިފެހެއްޓުމަށް މަގުފަހިވާނެ ކަމެއް ކަމަށް އިޤްތިޞާދީ ވުޒާރާއިން ފާހަގަކުރެއެވެ.
ސަރުކާރުން ބުނިގޮތުގައި، މި އެއްބަސްވުމަކީ ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އައު ހަރުފަތަކަށް ގެންގޮސްދޭނެ ކަމެކެވެ. އަދި މިއީ ދިވެހި އެކްސްޕޯޓަރުންނަށް އައު ފުރުޞަތުތައް ހުޅުވައިދީ، ރާއްޖޭގެ އިޤްތިޞާދީ ވިލުންތެރިކަން ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި އެއްބަސްވުމުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީއަށާއި ދެ ޤައުމަށް ފައިދާހުރި ބައިނަލްއަޤްވާމީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް މަގުފަހިވާނެއެވެ.
ރިއެކްޝަންސް

