ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން ވީއައިއޭއަށް ފްލައިޓްތައް ޖެއްސުމަށް ބުރޫއަރައިފި

ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން ވީއައިއޭއަށް ފްލައިޓްތައް ޖެއްސުމަށް ބުރޫއަރައިފި

13 hours ago - 14:08
Advertisement
Advertisement

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވުމުގެ ސަބަބުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ފްލައިޓްތައް ޖެއްސުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.


މިއަދު ކުރިމަތިވި މޫސުމީ ހާލަތުގެ ސަބަބުން ބައެއް އެއާލައިންތަކަށް އެއާޕޯޓަށް ނުޖެއްސިގެން، ގިނަ ވަގުތުތަކެއް ވަންދެން ވައިގެ ތެރޭގައި މަޑުކުރަން ޖެހިފައިވެއެވެ. އޭގެ ތެރޭގައި އެއިރޯފްލޮޓް، ގަތަރު އެއާވޭސް، ސްރީލަންކަން އެއާލައިންސް، އިންޑިގޯ އަދި ފިޓްސް އެއާ ހިމެނެއެވެ.


މޫސުން ގޯސްވުމުގެ ސަބަބުން ދުބާއީން މާލެއަށް ދަތުރުކުރި ފްލައި ދުބާއީގެ ފްލައިޓަށް ވީއައިއޭއަށް ނުޖެއްސުމުން، މިހާރު ވަނީ ސްރީލަންކާގެ ކޮލަމްބޯއަށް މިސްރާބު ބަދަލުކޮށްފައެވެ. އެއާޕޯޓުގެ މޫސުމީ ރިޕޯޓްތައް ދައްކާގޮތުން، އެ ސަރަހައްދުގެ ވައިގެ ދުވެލި ގަޑިއަކު 35 ނޮޓަށްވުރެ ބާރުވެފައިވާއިރު، ވާރޭގެ ސަބަބުން ދުރު ފެންނަ މިންވަރު (ވިޒިބިލިޓީ) ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.


މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ މިއަދު ހެނދުނު 11:30 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ.


މެޓް އޮފީހުން ބުނިގޮތުގައި، މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.


މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަ ދުވަސްވަރަކަށް ވާތީ، އާންމުކޮށް ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement