އައްޑޫ ހިތަދޫގައި މަސްތުވާތަކެތީގެ ޚިދުމަތްދޭ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފި
އައްޑޫ ސިޓީ ހިތަދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާ ކަމަށް ތުހުމަތުކުރެވޭ 'މައިލޯސިޓީ' ގެ، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ނެރުނު އަމުރެއްގެ ދަށުން ބަންދުކޮށްފިއެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މި އަމުރު ނެރެފައިވަނީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ މުއްދަތަށް އެ ގެ ބަންދުކުރުމަށެވެ. ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ އެ ގޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ އިންތިޒާމުތަކާއި، އެ ތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުންދާކަން ފާހަގަކުރެވިގެންނެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، އެ ތަނުގައި ހިންގާ މަސްތުވާތަކެތީގެ އަމަލުތަކުގެ ސަބަބުން އާންމު ސަލާމަތަށް ނުރައްކާވެ، އެ ސަރަހައްދުގެ މީހުންނަށް ބޮޑެތި ބިރުވެރިކަމާ ކުރިމަތިލާންޖެހެއެވެ. މީގެ އިތުރުން، އެ ގޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، ގްރޫޕު ހަދައިގެން މާރާމާރީ ހިންގުމާއި، މީހުން ރަހީނުކުރުމުގެ އިތުރުން ވައްކަން ފަދަ ޖިނާއީ ބޮޑެތި ކުށްތައް ހިންގާކަން ފުލުހުންގެ ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ.
މިއީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިފަދަ ގެއެއް ބަންދުކުރަން އަމުރުކުރި ދެވަނަ ފަހަރެވެ. މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުވެސް އެ ކޯޓުން ވަނީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުވާ ގެއެއް 90 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މީގެ ކުރިން ފުވައްމުލަކު ސިޓީގައި ހިންގި 'ޑްރަގް ކެފޭ' އެއް ބަންދުކުރުމަށްވެސް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައިވާއިރު، މިކަން ހައްލުކުރުމަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ވަކި މިންވަރަކަށް ވުރެ ގިނައިން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މި އަހަރު ވަނީ އަމަލުކުރަން ފަށާފައެވެ.
ރިއެކްޝަންސް





