ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ 500 ހެކްޓަރު ނިމިއްޖެ: އަމާޒަކީ އެޕްރީލް މަހަށް ނިންމާލުން
ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫޢުގެ ދަށުން މިހާތަނަށް 500 ހެކްޓަރާ ގާތްކުރާ އަދަދަކަށް ބިން ހިއްކާ ނިމިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ސަރުކާރުގެ ތަޞައްވުރާ އެއްގޮތަށް ރަސްމާލޭގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ.
ބޯހިޔާވަހިކަމުގެ ދާއިރާއިން މާލެ ސަރަޙައްދަށް މި ސަރުކާރުން ގެންގުޅޭ އެންމެ ބޮޑު ތަޞައްވުރު ކަމަށްވާ ރަސްމާލެ މަޝްރޫޢުގެ ދަށުން ޖުމުލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް މިހާރު ކުރިއަށްދަނީ 11 ސައިޓަކަށް ބަހާލައިގެންނެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތުގައި ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑު ދެ ޑްރެޖަރު ހިމެނޭހެން ޖުމުލަ 3 ޑްރެޖަރު ބޭނުންކޮށްގެން 24 ގަޑިއިރު މެދުނުކެނޑި މަސައްކަތް ދަނީ ކުރަމުންނެވެ.
"މިހާރުވެސް 500އެއްހާ ހެކްޓަރު ހިއްކާ ނިމިއްޖެ. ދެން ޕްލޭނިންއާއި އިންފްރާސްޓްރަކްޗަރއަށް ބޭނުންވާ މަސައްކަތްތައް ކުރިއަށް އެ ދަނީ. ބޭނުންވަނީ ގެދޮރު ހޯދުމަށް ފޯމު ހުށައަޅަން ހުޅުވާލާފައިވާ މުއްދަތުގެ ކުރިން ބިން ހިއްކުމުގެ މަސައްކަތް ނިންމަން. ކުރީ ސަރުކާރުން ހެދި ގޮތް ނުހަދާނަން،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ. މީގެ އިތުރުން، ރަސްމާލެއާއި މާލެއާއި ދެމެދު ދަތުރުކުރާނެ ކަނެކްޓިވިޓީއެއް ގާއިމުކުރުމަށްޓަކައި ބޭނުންވާ ފަންނީ އަދި ޓެކްނިކަލް ދިރާސާތައް މިހާރު ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފަށާފައިވާ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި، މާލޭގެ ރައްޔިތުންނަށް ރަސްމާލެއިން 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ހިންގޭ އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢެވެ. މި މަޝްރޫޢުގެ ސަބަބުން 65,000 ގެދޮރު ޔަގީންވެ، މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.
ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފެށީ 18 ޑިސެންބަރު 2023 ގައެވެ. ނަމަވެސް މަސައްކަތް އިތުރަށް ހަލުވިކުރުމުގެ ގޮތުން އެމްއޭސީއެލްއާ ހަވާލުކޮށްގެން އައު ހަލުވިމިނެއްގައި މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
ރިއެކްޝަންސް









