ގޯތި ދޫކޮށްލާފައި ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަނީ

ގޯތި ދޫކޮށްލާފައި ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަނީ

2 hours ago - 11:15
Advertisement
Advertisement

"ބިންވެރިޔާ" ސްކީމާއި އެހެނިހެން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް، އެ ގޯތި ދޫކޮށްލުމަށްފަހު ސަރުކާރުގެ އައު ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި ގިނަ ބަޔަކު އެދެމުންދާ ކަންކަމަށް ރިޢާޔަތްކުރައްވައެވެ. ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ ސިޔާސަތަށް މި ބަދަލު ގެންނަން ނިންމެވީ، ބިން ލިބުނު ނަމަވެސް އެތަނުގައި ގެދޮރު ބިނާކުރުމުގެ މާލީ ތަނަވަސްކަން ނެތް އާއިލާތަކަށް ލުޔެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށެވެ.


ޚާއްޞަކޮށް ހުޅުމާލެ، ގުޅިފަޅު، އަދި ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރޭގައި ވަރަށް ނިކަމެތި އާއިލާތައް އެބަތިބިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އަލަށް ހިއްކައިގެން ތަރައްޤީކުރާ ސަރަޙައްދުތަކުގައި ވަސީލަތްތައް ޤާއިމުކޮށް، ގެދޮރު އެޅުމަށް ގިނަ ދުވަސްތަކެއް ނަގާނެތީ، ވަގުތުން ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް މިއީ ރަނގަޅު ފުރުޞަތަކަށް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


"އިމާރާތްކުރުމަށް ވަރަށް ބޮޑު ޚަރަދެއް ހިނގާ، އަދި ގިނަ ދުވަސް ނަގާނެ. އެހެންވީމަ ރައްޔިތުން އެބަ އެދެމުންދޭ، އެތަންތަން ދޫކޮށްލާފައި ފްލެޓަށް ކުރިމަތިލެވިދާނެތޯ. އެހެންވީމަ އެ ފުރުޞަތު ދޭން ސަރުކާރުން މި އުޅެނީ. ޕޯޓަލްގެ ތެރެއަށް ސްކީމް އިތުރުކުރުމުގެ މަސައްކަތްތައް އެދަނީ ކުރަމުން. 2-3 ހަފްތާ ތެރޭ ހުޅުވާލެވޭނެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

Advertisement
Advertisement


މި ފުރުޞަތަކީ މީގެ ކުރީގެ ކޮންމެ ސަރުކާރަކުން ގޯތި ލިބިފައިވާ މީހަކަށްވެސް، އެ ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް ކުރިމަތިލުމަށް އޮތް ފުރުޞަތެކެވެ. މީގެ އިތުރުން، ޖޮއިންޓްކޮށް (ގުޅިގެން) ގޯތި ލިބިފައިވާ މީހުންގެ ތެރެއިން އެންމެން އެއްބަސްވެގެން ގޯތި ދޫކޮށްލާނަމަ، އޭގެ ތެރޭގައި ހިމެނޭ ވަކިވަކި ފަރުދުންނަށްވެސް ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ސަރުކާރުން މިހާރު ދަނީ ބޯހިޔާވަހިކަމުގެ ޕޯޓަލް މެދުވެރިކޮށް މިކަމަށް އެދި ހުށަހެޅޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. މިއީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement