ބީއެމްއެލްގެ ހިއްސާދާރުންނަށް 60 ރުފިޔާ ބެހުމަށް ހުށަހަޅަނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ބޮޑު ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް، އެ ބޭންކުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ބޯޑުން ނިންމައިފިއެވެ.
މިއީ ބީއެމްއެލްގެ ތާރީޚުގައިވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަނޑައެޅި އެންމެ ބޮޑު އަދަދެވެ. ހިއްސާއަކަށް 60 ރުފިޔާގެ މަގުން، ޖުމުލަ 322 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހުމަށް ވަނީ ހަމަޖެހިފައެވެ.
ބޭންކުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އަހަރުގެ އަހަރީ އާންމު ޖަލްސާ އޮންނާނީ މި ހިނގާ މާރިޗު މަހުގެ 28 ވާ ބުރާސްފަތި ދުވަހުއެވެ. މި ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނަށް ތިން ގޮތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެއީ:
- ޖަލްސާއަށް ހިއްސާދާރު އަމިއްލައަށް ހާޒިރުވުން.
- އޮންލައިންކޮށް ބައިވެރިވުން.
- ޕްރޮކްސީ މެދުވެރިކޮށް (ބަދަލުގައި މީހަކު ފޮނުވައިގެން) ބައިވެރިވުން.
މީގެ އިތުރުން، ހިއްސާދާރެއްގެ ބަދަލުގައި ޖަލްސާއަށް ހާޒިރުވެ ވޯޓު ދިނުމަށް އެހެން ފަރާތެއް ފޮނުވާނަމަ ނުވަތަ އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، އެންމެ ލަސްވެގެން މި މަހުގެ 26 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 9:00 ގެ ކުރިން އެކަން ހުށަހަޅަންޖެހޭނެ ކަމަށް ބޭންކުން ބުނެފައިވެއެވެ.
ރިއެކްޝަންސް









