
ކުށުގެ ވެއްޓަށް ހުށަހެޅޭ 18 އަހަރުން ދަށުގެ ކުދިންގެ އަދަދު އިތުރުމުގެ ކަންބޮޑުވުން
ކުށުގެ ވެއްޓަށް ހުށަހެޅޭ 18 އަހަރުން ދަށުގެ ކުދިންގެ އަދަދު އިތުރުމުގެ ކަންބޮޑުވުން ދިވެހި ފުލުހުންގެ ޚިދުމަތުން ފާޅުކުރައްވައިފިއެވެ.
އެކަންބޮޑުވުން ފާޅކުރައްވާ ފުލުހުން މިއަދު ޢާއްމުކުރި ބަޔާނުގައި ވިދާޅުވެފައިވަނީ ދުވަހުން ދުވަހަށް ފުލުހުން ކުރާ ޕެޓްރޯލް ތަކުންނާއި, ތަފާސް ހިސާބުތަކުންވެސް ކުށް ހިންގާ ސަރަހައްދުތަކުގައި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ގްރޫޕްތައް އެއްވެ ތިބޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. ކުށުގެ މާހައުލުތަކަށް ކުޑަކުދިން ހުށަހެޅުމުގެ ކަންބޮޑުވުމާއެކު ފުލުހުން ވިދާޅުވީ ކުޑަކުދިން ގްރޫމިންގެ ޝިކާރައަކަށްވެ, ރައްކާތެރި ނޫން ހާލަތްތަކާ ކުރިމަތިލާންޖެހުމުގެ ފުރުޞަތު އިތުވެފައިވާ ކަމަށެވެ. ޤާނޫނަށް ހިލާފަށް އެއްގަމު އުޅަނދު ދުއްވުމަށް ހިތްވަރު ލިބި, މައިންބަފައިންނާ ނުރުހުންގެ ގެއިން ފިލައިގެން ނިކުންނަކަންވެސް ފުލުހުން ފާހަގަކޮށްފައި ވެއެވެ.
ނަތީޖާއެއްގެ ގޮތުން ކުޑަކުދިން މަސްތުވާތަކެތީގެ ވަބާއަށް ހުށަހެޅުމާއި, އެހެނިހެން ޤާނޫނާ ހިލާފް އަމަލުތަކުގައި ބައިވެރިވުމުގެ ފުރުޞަތު އިތުރުވެގެންދާކަން ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެއެވެ. މިކަންކަމަށް މައިންބަފައިންނާއި ބެލެނިވެރިން އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ފުލުހުން ވިދާޅުވީ އެފަދަ ސަރަހައްދުތަކަށް އަމާޒުކޮށް ސްޕޮޓް ޗެކް ކުރުމާއި, ދުވަހުން ދުވަހަށް ކުރާ ޕެޓްރޯލިންގެ ތެރެއިން ގާތުން މޮނިޓަރކޮށް ބަލަހައްޓަމުން ދާނެ ކަމަށެވެ. ކުޑަކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮ ކަމަށް ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ރިއެކްޝަންސް






