
ލާމަރުކަޒީ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހުގެ މައިގަނޑު މަފުހޫމަކީ ފަހު އަހަރު ބޮޑަތި ނިންމުންތައް ނުނިންމުން- ފަލާހު
އެމްޑީޕީން އިސްލާހުތައް ތަރުޖަމާ ކުރަނީ ނުބައިކޮށް
ލާމަރުކަޒީ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހުގެ މައިގަނޑު މަފުހޫމަކީ ފަހު އަހަރު ބޮޑަތި ނިންމުންތައް ނުނިންމުން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. ފަލާހު މިފަދައިން ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސައިން ހުށަހެޅުއްވި ބިލަށް މިއަދު ވާހަކަދައްކަވަމުންނެވެ.
ސަރުކާރުގެ ފަރާތުން އިބްރާހީމް ހުސައިން ހުށަހެޅުއްވި ބިލަށް ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ މިހާރު އޮތް ނިޒާމްގެ ތެރެއިން ކައުންސިލްތަކުން ހަމަ ހަތަރު އަހަރު މަސައްކަތްކޮށް, ފަހު އަހަރު ބޮޑަތި ނިންމުންތައް ނުނިންމުމަކީ މިބިލްގައި ބުނާ މައިގަނޑު ވާހަކަ ކަމަށެވެ. އެއީ ވެރިކަމުގެ ނިޒާމަށްވެސް އަންނަން ޖެހޭ ބަދަލެއް ކަމަށް ފަލާހު ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމަށް އެބަދަލުތައް ގެންނަން ޖެހޭކަން ފާހަގަކުރައްވާ ވިދާޅުވީ މިދިޔަ ދައުރުގައި އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވެރިކަމުގެ ފަހު އަހަރު ހުޅުމާލޭގެ ގިނަ ބިންތަކެއް ދައުލަތަށް ބިލިއަނުން ގެއްލުން ލިބޭ ގޮތަށް ބަހާލި ކަމަށެވެ. އެއީ ވެރިކަން ދިފާއުކުރައްވަން ކުރެއްވި ކަމެއް ކަމަށް ފަލާހު ތުހުމަތު ކުރެއްވިއެވެ. އެފަދަ ކަންކަން ކުރަން ފުރުޞަތު ދީގެން ނުވާނެ ކަމަށް ފަލާހު ވިދާޅުވިއެވެ. އެއީ އެމްޑީޕީގެ މެމްބަރުންވެސް އެއްބަސްވެވަޑައިގަންނަވާނެ ކަމެއްކަމަށާއި, އެހެންކަމުން ހުށަހެޅިފައިވާ އިސްލާހަކީ ހަގީގަތުގައި އެމްޑީޕީންވެސް ތާއީދުކުރައްވާ އިސްލާހެއްކަމަށް ފަލާހު ވިދާޅުވިއެވެ.
ބިލަށް ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ނުބައިކޮށް ތަރުޖަމާކޮށް, ކައުންސިލަރުންނަށް ނުބައި ތަސައްވަރެއް ދޭން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާ ކަމަށެވެ. އިސްލާހުތަކުގެ ބޭނުމަކީ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން މަގުފަހި ކުރުން ނޫން ކަމަށާއި, އިންތިޚާބު ކާމިޔާބުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ތަސައްވަރެއް ކަމަށް ދައްކަވާ ވާހަކަތަކަށްވެސް ޝުޖާއު ރައްދު ދެއްވިއެވެ. ވިދާޅުވީ އެހެން ބުނުން ފިޔަވާ ލާމަރުކަޒީ ނިޒާމް ރަނގަޅު ކުރަން އެމްޑީޕިން ކުރިކަމެއް ނެތް ކަމަށެވެ.
ރިއެކްޝަންސް






