
ފަލަޞްޠީނުގެ ދައުލަތާއެކު' ދެ ދައުލަތުގެ ހައްލު' ހިމެނޭ "ނިއު ޔޯކް ޑެކްލަރޭޝަން" އަށް ރައީސް މުއިއްޒުގެ ތާއީދު
މިއީ ފަލަޞްޠީން މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގަތުމަށް ދުނިޔޭގެ ތާއީދު އޮތްކަން ހާމަކޮށްދޭ ކަރުދާހެއް ކަމަށް ވިދާޅުވި
ދައުލަތެއްގެ ގޮތުގައި ފަލަޞްޠީން ބަލައިގަނެ, ފަލަޞްތީނާއި އިޒްރާއިލް އާ ދެމެދު އޮތް މައްސަލައަށް ހައްލުހޯދުމުގެ ގޮތުން ފާސްކުރި 'ދެ ދައުލަތުގެ ހައްލު' (ޓޫ ސްޓޭޓް ސޮލިއުޝަން) ހޯދުމާގުޅޭ "ނިއުޔޯކް ޑެކްލަރޭޝަން" އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދުކުރައްވައިފިއެވެ.
'ޓޫ ސްޓޭޓް ސޮލިއުޝަން ކޮންފަރެންސްގެ ނަމުގައި މިމަހު 28-31 އަށް އެކުވެރި ދައުލަތް (އދ) ގައި ކުރިއަށްގެންދިޔަ ކޮންފަރެންސްގައި ހުށަހެޅި ނިއުޔޯކް ޑެކްލަރޭޝަން ކޯ-ޗެއަރ ކުރީ ސައުދީ އެރޭބިއާ އަދި ފްރާންސް އެވެ.
ޤަރާރުގައި މައިގަނޑުގޮތެއްގައި ގޮވާލާފައިވަނީ 1967ގެ ބޯޑަރާ އެއްގޮތަށް އދ ން ފަލަޞްޠީނުގެ ބިންތައް ބަލައިގަނެ, ދައުލަތެއްގެ ގޮތުގައި ފަލަޞްޠީން ވެސް ބަލައިގަތުމަށެވެ. މީގެ އިތުރުން ޣައްޒާއަކީ ފަލަޞްޠީނުގެ މުހިއްމު ބައެއްކަމަށާއި, އެތަނަށް ބަޔަކު ވެރިވުން ނުވަތަ, އެތަނުގެ އަހުލުވެރިން އެމީހުންގެ ނުރުހުމުގައި އެބިމުން ފައްސާލުން ނުވަތަ ޣައްޒާ ބަންދުކުރުން ފަދަ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެކަމަށްވެސް ޤަރާރުގައި ބުނެފައި ވެއެވެ.
"އަހުރެންގެ ސަރުކާރުން ފަލަޞްޠީނުގެ ބިންތަކާގުޅޭ ގޮތުން ދެ ދައުލަތުގެ ހައްލު ތަންފީޒުކުރުމަށް ފާސްކުރި ޤަރާރަށް މަރުހަބާކިޔަން" ފަލަޞްޠީނުގެ ބިންތަކާ ގުޅޭގޮތުން ކުރިއަށްދިޔަ މަތީ ފެންވަރުގެ ކޮންފަރެންސްގައި ފާސްކުރި "ނިއުޔޯކް ޑެކްލަރޭޝަން" އަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން ހާމަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މެދުވެރިކޮށް އިނގިރޭސި ބަހުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ އެ ޤަރާރަކީ މުސްތަޤިއްލު ބައެއްގެ ގޮތުގައި ފަލަޞްޠީނުގެ ރައްޔިތުން ތާއަބަދު ތިބުމާއި, ދައުލަތެއްގެ ގޮތުގައި ފަލަޞްޠީން ބަލައިގަނެ, އދ ގެ ދާއިމީ މެމްބަރުކަން ދިނުމަށް ބައިނަލްއަޤުވާމީ ދުނިޔޭގެ ތާއީދު އޮތްކަށް ދައްކުވައިދޭ ބާރުގަދަ ކަރުދާހެއްކަމަށެވެ.
"ދިވެހިރާއްޖޭގެ ސަރުކާރާއި ރައްުޔިތުން އަބަދުވެސް ފަލަޞްޠީނުގެ މިނިވަން އަދި މުސްތަޤިއްލު ދައުލަތެއް ހޯދުމަށް ކުރާ ވަކާލާތުގައި ދެމިތިބޭނެ. އެއީ ބައިނަލްއަޤުވާމީ ޤާނޫނާއި ގުޅުންހުރި އދ ގެ ރިޒޮލިއުޝަންތަކާ ހިލާފް ނުވާނެހެން 1967 ގެ ބޯޑަރާ އެއްގޮތަށް އިރުމަތީ ގުދުސްއަކީ ފަލަޞްޠީނުގެ ވެރިރަށް ކަމުގައި ބަލައިގަތުމާވެސް އެކު" ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން, ބަޔާނުގައި އިޒްރާއިލްއިން ޣައްޒާއަށް ހުއްޓުމެއްނެތި ދެމުންގެންދާ ހަމަލާތަކުން ފަލަޞްޠީނުގެ ރައްޔިތުން ސަލާމަތް ކުރުމަށާއި, ފަލަޞްޠީނުގެ އިޤްތިޞާދީ އަދި ސަލާމަތީ ކަންކަމަށް ބައިނަލްއަގުވާމީ ދުނިޔޭގެ މަދަދަށްވެސް އެދިފައި ވެއެވެ.
ރިއެކްޝަންސް






