
4000 ފްލެޓް ހަވާލުކުރަން ފެށޭނީ އަންނަ މަހު
އަންނަ ޖުލައި މަހު 4000 ފްލެޓް ހައްގުވެރިންނަށް ހަވާލުކުރެވި, ދިރިއުޅެން ފެށޭނެކަމަށް އަނެއްކާވެސް ސަރުކާރުން ބުނެފިއެވެ. އެޔަގީންކަން މިއަދު ތަކުރާރު ކުރެއްވީ މިދިޔަ ސަރުކާރުން ފެށި 4000 ފްލެޓްގެ މަސައްކަތް ނިންމުމުގެ މަސައްކަތް ހިނގަމުންދާގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
32 ޓަވަރު ހިމެނޭ ފްލެޓްތަކުގެ ހުރިހާ ޓަވަރެއްގެވެސް ފިނިޝިންގ ނިމި މިހާރު ކުރަމުންދަނީ ފެނާއި ކަރަންޓްފަދަ އަސާސީ ޚިދުމަތްތައް ގުޅުމުގެ މަސައްކަތެވެ. ސަރުކާރުން ނިންމަވާފައިވަނީ މިދިޔަ ސަރުކާރުން އެކުލަވާލި ލިސްޓްގައި ހިމެނޭ ފަރާތްތަކަށް ފްލެޓް ދިނުމަށެވެ. ނަމަވެސް އޭގެތެރެއިން ކަނޑައެޅިގެން ޝަރުތު ހަމަނުވާ ފަރާތްތައް އުނިކުރުމަށެވެ. އޭގެތެރޭގައި ހިމެނެނީ އަނބިމީހާއާއި ފިރިމީހާއަށްވެސް ފްލެޓް ލިބިފައިވާ ނަމަ ކޮންމެވެސް އެއް ފަރާތެއްގެ ފްލެޓް ނެގުމާއި, ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ލިބިފައިވާ ފަރާތްތައް ލިސްޓުން އުނިކުރުން ފަދަ ފަރާތްތަކެވެ. އެފަދަ ފަރާތްތަކަށް ހައުސިންގ މިނިސްޓްރީން ގެންދަނީ ޝަރުތު ހަމަނުވާކަން އަންގަމުންނެވެ.
4000 ފްލެޓް ތަރައްޤީކުރުމުގެ މަސައްކަތުގެ ދުވެލި ހަލުވިކުރައްވައި، ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދެއްވުމަށްޓަކައި، މިދިޔަ 18 މަސްދުވަހުގެ ތެރޭގައި މަސައްކަތްތަކެއް ކުރައްވައިފައިވާ ކަމަށް ސަރުކާރުން ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ، މީގެ ތެރެއިން މަސައްކަތް މުޅީން ނިމޭ ޓަވަރުތަކުގައި މިއަހަރު މީހުން ދިރިއުޅެން ފެށުން ކަމަށާއި އަދި މި މަޝްރޫޢު ވީހައި އަވަހަކަށް މުޅީން ފުރިހަމަކުރެއްވުން ކަމަށް ރައީސް އޮފީހުންވެސް މިއަދު ވިދާޅުވިއެވެ.
ސްޕެޓެމްބަރު މަސް ނިމުމުގެ ކުރިން ފްލެޓްގެ ހުރިހާ ހައްގުވެރީންނަށް ފްލެޓް ދީ ދިރިއުޅެން ފެށޭނެ ކަމަށް ސަރުކާރުން އުއްމީދު ކުރެއެވެ.
ރިއެކްޝަންސް






