
ކަނޑުތަކަކީ ރާއްޖޭގެ އިޤްތިޞާދާއި، ސަގާފަތާއި، އަދި ދިރިއުޅުމުގެ މުހިންމު ބައެއް: ވަޒީރު ޝިޔާމް
ކަނޑުތަކަކީ ރާއްޖޭގެ އިޤްތިޞާދާއި، ސަގާފަތާއި، އަދި ދިރިއުޅުމުގެ މުހިންމު ބައެއްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންގެންދާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ކަނޑުތަކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަކީ އިޚްތިޔާރެއް އޮތް ކަމެއް ނޫން ކަމަށެވެ. ވިދާޅުވީ އެއީ ރާއްޖޭގެ ކަނޑުތަކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.
ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ ކަނޑުތަކުގެ ދުވަހުގެ ޝިއާރަކީ "ވޮންޑަރ: ސަސްޓެއިނިން ވަޓް ސަސްޓެއިންސް އަސް" އެވެ.
މިއަދުގެ މުނާސަބަތުގައި ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ހާއްސަ މެސެޖެއްދެއްވާފައެވެ.
އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައި ވަނީ ދުނިޔޭގެ ދުޅަހެޔޮކަމާއި ކަނޑުތަކުގެ ދުޅަހެޔޮކަންވަނީ ގުޅިފައި ކަމަށާއި، ދިވެހިރާއްޖެ ފަދަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ޤައުމަކަށް ކަނޑުތަކަކީ ހަމައެކަނި ލިބިފައިވާ ޤުދުރަތީ ވަސީލަތެއް ނޫން ކަމަށެވެ.
ރިއެކްޝަންސް






