ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިވާން އިތުރު ބިންތަކަށް ހުއްދަދީފި
އިޒްރާއިލް އިން މީގެ ކުރިން ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިންނަށް އަޅާފައިވާ ގެތަކެއް. ފޮޓޯ: ދި ކްރެޑަލް

ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިވާން އިތުރު ބިންތަކަށް ހުއްދަދީފި

2 months ago - 21:56
May 29, 2025 - 21:59

އިޒްރާއިލްއިން ހިފާފައިވާ ހުޅަނގު އައްސޭރީގެ އިތުރު 22 ސަރަހައްދެއްގައި ޔަހޫދީން ވަޒަންވެރިވުމުގެ ހުއްދަ އިޒްރާއިލްއިން ބުރާސްފަތި ދުވަހު ދީފިއެވެ. އެސަރަހައްދުތަކުގައި އަސްކަރިއްޔާ ކުދި ޔުނިޓްތައްވެސް މިހާރުވަނީ ޤާއިމްކޮށްފައި ކަމުގައި އެސޯސިއޭޓަޑް ޕްރެސް އިން ބުނެފައި ވެއެވެ.

އިޒްރާއިލްއިން ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް އަދި ޣައްޒާ އެމީހުންގެ ބާރުގެ ދަށަށް ގެނައި 1967 ގެ ހަނގުރާމައަށް ފަހުއެވެ. ނަމަވެސް މި ތިން ބިމަކީވެސް ފަލަޞްޠީނުގެ ރައްޔިތުން އެމީހުންގެ ކުރިމަގަށްޓަކައި އެމީހުންގެ ދަށުގައި ބާއްވަން ބޭނުންވާ ބިންތަކެވެ. 

ވަޒަންވެރިންނަށް ހުއްދި ދިންކަން އިއުލާން ކުރަމުން އިޒްރާއިލްގެ ދިފާއީ ވަޒީރު އިޒްރާއިލް ކާޓްޒް އަދި މާލީ ވަޒީރު ބެޒާލެލް ސްމޮޓްރިޗް ވަނީ މިއީ 'ޖުޑޭއާ އަދި ސަމައިރާ' ގައި ޔަހޫދީ އަހުލުވެރިކަން ވަރުގަދަ ކުރުމަށް ކުރާކަމެއްކަމަށް އިއުލާންކޮށްފައެވެ. ޖުޑޭއާ އަދި ސަމައިރާ އަކީ ހިފާފައިވާ ހުޅަނގު އައްސޭރިއަށް އެމީހުން ކިޔާ ގޮތެވެ.

ކާޓްޒް އިތުރަށްބުނީ މިއީ އިޒްރާއިލްއަށް ނުރައްކާ ކުރާނެ ފަލަޞްޠީނުގެ ދައުލަތް އުފެދުނަ ނުދިނުމަށް ކުރަންޖެހޭ ކަމެއްކަމުގައެވެ.

Advertisement
Advertisement

އިޒްރާއިލްއިން މި ފަހުންވަނީ ހުޅަނގު އައްސޭރީގެ ފަލަޞްޠީނުގެ ބިންތަކުހައި 100 އެއްހާ ވަޒަންވެރި  ސަރަހައްދުތައް ކަނޑައަޅާ 500,000 އަށްވުރެ ގިނަ ޔަހޫދީން ވަޒަންވެރި ކުރުވާފައެވެ. 

ހިފާފައިވާ ހުޅަނގު އައްސޭރިއަކީ އިޒްރާއިލްގެ އަޅުވެރިކަމުގެ ދަށުގައި 3 މިލިއަން ފަލަޞްޠީނުގެ ރައްޔިތުން މިހާރުވެސް ދިރިއުެޅމުންދާ ބިމެކެވެ. ޔަހޫދީ ވަޒަންވެރިންނަށް ޖާގަ ހެދުމުގެ ގޮތުން އިޒްރާއިލް އަންނަނީ ފަލަޞްޠީނުގެ މީހުން އެމީހުންގެ ގެދޮރުން ނެރެލާ ރެފިއުޖީ ކޭމްޕްތަކަށް ދިއުމަށް މަޖުބޫރު ކުރަމުންނެވެ. އަދި އެސަރަހައްދު އެމީހުން ބާރުގެ ދަށަށް ގެނެސް އެންމެފަހުން އެތަންތާގައި ޔަހޫދީން ވަޒަންވެރި ކުރުވަނީ އެވެ. 

މާލީ ވަޒީރު ސްމޮޓްރިޗް އަކީވެސް ހުޅަނގު އައްސޭރީގެ ފަލަޞްޠީނުގެ ބިމުގައި ޤާނޫނާ ހިލާފަށް ވަޒަންވެރިވެގެން އުޅޭ މީހެކެވެ. ފަލަޞްޠިނުގެ ބިންތަކުގައި ޔަހޫދީ އާބާދީ އިތުރުކުރުމަށް އަބަދުވެސް ވަކާލާތުކުރާ ސްމޮޓްރިޗް ވަނީ އިޒްރާއިލް ސަރުކާރުގެ ނިންމުމަށް ވަރށް ބޮޑަށް މަރުހަބާ ކިޔާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow