
ސޫދާންގައި ކޮލެރާ ފެތުރި ދެ ދުވަސް ތެރޭގައި 70 މަރު
އެންމެ ބޮޑަށް ކޮލެރާ ފެތުރެނީ ވެރިރަށް ކާތޯމްގައި
ސޫދާންގައި ފެތުރެމުންދާ ކޮލެރާގެ ވަބާގައި ފާއިތުވި ދެ ދުވަހު އެކަނިވެސް 70 މީހުން މަރުވެފައިވާކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ބުނެފިއެވެ.
ވެރިރަށް ހާތޯމްގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ބުރާސްފަތި ދުވަހު އެކަނިވެސް ކޮލެރާގެ 942 އާ ކޭސް ވަނީ ރެޖިސްޓްރީ ކުރެވިފައެވެ. ކޮލެރާ ބަލީގައި ބުރާސްފަތި ދުވަހު 25 މީހުން މަރުވެފައި ވާއިރު, އިއްޔެވެސް ވަނީ 45 މީހުން މަރުވެފައެވެ. އިއްޔެ 1,177 އާ ކޭސް ފެނިފައި ވެއެެވެ.
ކޮލެރާ އެންމެ ބޮޑަށް ފެތުރިފައިވާ ސޫދާންގެ ވެރިރަށް ހާތޯމް އަކީ ފާއިތުވެދިޔަ ދެ އަހަރުގެ ދާހިލީ ހަނގުރާމައިގައި ސުންނާފަތިވެ ދިރިއުޅުމުގެ ހާލަތު ދަށްވެފައިވާ ސިޓީއެކެެވެ. ސަރުކާރުގެ ސިފައިންނާއި ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސް (އާރުއެސްއެފް) އާ ދެމެދު ބަދަލުކުރަމުންދާ ހަމާލާތަކާއެކު މިދިޔަ މަހު ކުރީކޮޅުން ފެށިގެން ވެރިރަށުން ވަނީ ފެނުގެ ހިދުމަތްވެސް ކެނޑިފައެވެ. އެއީ ފެނުގެ ނިޒާމަށް އާރުއެސްއެފް ގެ ޑްރޯން ހަމަލާއެއް އަމާޒުވުމާ ގުޅިގެންނެވެ.
ހަނގުރާމައާއެކު ސޫދާންގެ ސިއްހި ނިޒާމްވެސް ހަލާކުވެފައި ވާއިރު ފާހާނާ ނިޒާމްވެސް މަސައްކަތްކުރަނީ ކިރިޔަކިރިޔާ އެވެ.
ފެޑެރަލް ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އަންގާރަ ދުވަހާ ހަމައަށް ހިނގި ހަފުތާގައިވެސް ކޮލެރާ ޖެހިގެން 172 މީހުން ސޫދާނުން ވަނީ މަރުވެފައެވެ. އޭގެ 90 އިންސައްތަ އަކީ ވެރިތަށް ހާތޯމް އިން މަރުވި މީހުންނެވެ.
ރިއެކްޝަންސް






