
"ޕްރޮފެޝަނަލް ފެއިލިއަރ" އެއް ކަމަށްބުނެ އިޒްރާއިލްއިން 15 މެޑިކްސްގެ މަރުން ރެކެނީ
ގުދުސް (އެސޯސިއޭޓް ޕްރެސް) – ފާއިތުވި މަހު އިޒްރާއިލްއިން ޣައްޒާގައި ރެޑްކްރެސެންޓް އަދި މަދަނީ ދިފާއުގެ 15 މެމްބަރުން މަރާލި ރަހުމްކުޑަ ހާދިސާ ހިނގާފައިވަނީ "ޕްރޮޕެޝަނަލް ފެއިލިއަރ" އަކުންކަމަށް އިޒްރާއިލްގެ ތަހުޤީގުން ބުނެފިއެވެ. 18 މަސް ވީ ޤަތުލްއާންމުގައި ފެނުނު އެންމެ ބޮޑު ޖަރީމާގެ ގޮތުގައި ބެލެވުނު ހާދިސާއާ ގުޅިގެން ތަޙްޤީގް ހިންގާ, އެ އޮޕަރޭޝަންގެ ޑެޕިއުޓީ ކޮމާންޑަރު މަޤާމުން ވަކިކޮށްފައިވާ ކަމުގައި އިޒްރާއިލްއިން ވަނީ ބުނެފައެވެ.
ހާދިސާއާ ގުޅިގެން މުޅި ދުނިޔެއިން އިޒްރާއިލްއަށް ފާޑުކިޔަމުން ދަނިކޮށް އަސްކަރިއްޔާއިން ފުރަތަމަ ބުނީ މެޑިކްސް ދަތުރުކުރި އުޅަނދުތަކަށް ހަމަލާދިނީ އިމަޖެންސީ ލައިޓްވެސް ނުދިއްލާ އެމީހުންނާ ދިމާއަށް ދުއްވުމުން ޓެރަރިސްޓުން ކަމަށް ހީކޮށް ކަމުގައެވެ.
ނަމަވެސް އެ ހަމަލާގައި ޝަހީދުވި މެޑިކް އެއްގެ ފޯނުން ރެކޯޑްކޮށްފައިވާ މަންޒަރުތައް އާންމު ވުމާއި އެކު އިޒްރާއިލްގެ ދޮގު ވަނީ ފަޅާއަރާފައެވެ. ވީޑިއޯގައި ފެންނަ ގޮތުން އެމްބިއުލާންސްތަކުގެ ހުރިހާ އިމަޖެންސީ ލައިޓެއްވެސް ހުރީ ޖައްސާފައެވެ. އަދި ހަމާލާތައް އަމާޒުވާން ފެށުމުން އެއް އެމްބިއުލާންސް މަޑުކޮށް އަނެއް އެމްބިއުލާންސްގައި ތިބި މީހުންނަށް އެހީވާން އުޅުނުއިރުވެސް ހުރިހާ ލައިޓެއް ޖައްސާފައި ހުރިއިރު, އެމްބިއުލާންސްގެ ލޯގޯވެސް ބޮޑުކޮށް ފެންނަށް ހުއްޓެވެ.
އަސްކަރިއްޔާގެ ތަޙްޤީގުގައި ބުނެފައިވަނީ ޑެޕިއުޓީ ބެޓެލިއަން ކޮމާންޑަރަށް "ރޭގަނޑުގެ ފެނުން ގޯސްވުމުގެ ސަބަބުން" އެމްބިއުލާންސް ތަކަކީ ހަމާސްގެ ހަނގުރާމަވެރިންގެ އުޅަނދުތައް ކަމަށް ބެލެވިފައިވާ ކަމުގައެވެ. ވެހިކަލް ތަކަށް ކުއްލިއަކަށް ހަމަލާ ދޭންފެށިއިރު ފަސްމިނެޓެއްހާއިރަށް ހަމަލާތައް ދިގުދެމިގެން ގޮސްފައި ވެއެވެ.
އެހިސާބުން އިޒްރާއިލްގެ ޖަރީމާ ނިމުނީއެއް ނޫނެވެ. ޖަރީމާއަށް ފަސްއަޅާ ފޮރުވުމުގެ ގޮތުން ރެޑް ކްރެސެންޓްގެ 8 މެޑިކް އަދި މަދަނީ ދިފާއުގެ ފަސް މީހުންގެ ގަޔަށް ބަޑިޖަހާ ހަށިތައްވަނީ އެއް ވަޅެއްގައި ފަސްއަޅާ ފޮރުވާލާފައެވެ. އަސްކަރިއްޔާގެ ފައުޖުތަކުގް ބުލްޑޯޒަރުތަކުން އެމްބިއުލާސްތައް ފިއްތާލާ އެ އުޅަނދުތައްވެސް ވަނީ ވެލީގެ ތެރޭގައި ފޮރުވަން މަސައްކަތްކޮށްފައެވެ.
ފަލަޞްޘިނުގެ ރެޑް ކްރެސެންޓް ސޮސައިޓީއިން ކުރި މަސައްކަތުން އޭގެ ހަފުތާއެއްފަހު ހަށިތައް ހޯދުމަށްފަހު ބުނެފައިވަނީ އެމީހުންގެ ގަޔަށް ބަޑިޖަހާފައިވަނީ ވަރަށް ކައިރިން ކަމުގައެވެ. ނަމަވެސް އިޒްރާއިލްގެ ތަޙްޤީގުން އެކަމަށް އިންކާރުކޮށް ވަނި އެކަމާ ގުޅޭ އެއްވެސް ހެއްކެއް ނެތްކަމަށް ބުނެފައެވެ.
ރިއެކްޝަންސް






